ލައިސަންސް ނަގާ ފަރާތްތަކަށް ލައިސަންސް ނެގޭނީ ފުލުހުން ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލު ކުރާ ބަޔަކު ހިންގާ ހާއްސަ ތަމްރީނަކަށް ފަހު ކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ފުލުހުން ނުވަތަ ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލު ކުރާ ބަޔަކު ހިންގާ ހާއްސަ ތަމްރީނެއްގައި ބައިވެރިވާން ޖެހޭނީ އަލަށް ލައިސަންސް ނަގާ ފަރާތްތަކުން ކަމަށެވެ. މިގޮތަށް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، މި ގޮތަށް އަމަލު ކުރަން ފަށާނީ ކޮން އިރަކުން ފަށައިގެން ކަމަށް ނަހުލާ ވިދާޅެއް ނުވެއެވެ.

ނަހުލާ ވިދާޅުވީ، މި ތަމްރީނު ހިންގުމަށް ނިންމާފައި ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅު އިތުރު ކުރުމަށް ކަމަށެވެ. މިއީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރުމަށް އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމަށް ނަހުލާ ފާހަގަ ކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެން، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިނިސްޓަރު ނަހުލާ ވަނީ ސިނަމާލެ ބްރިޖާއި، ހައިވޭގައި ދުއްވާއިރު ހެލްމެޓް އެޅުމަށް މަޖުބޫރު ކޮށްފައެވެ. މިކަމާ ގުޅިގެން އާންމުންގެ ވަރަށް ގިނަ ޝަކުވާތައް ވެސް ވަނީ މިނިސްޓަރު ނަހުލާއަށް އަމާޒުވެފައެވެ. ނަމަވެސް، އާންމުންގެ ޝަކުވާއަށް ބެލުމެއް ނެތި ނަހުލާ ވަނީ ރައްކާތެރިކަން އިސް ކުރައްވާފައެވެ. އެކަމުގެ ސަބަބުން މިހާރު ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓަތަކުގެ އަދަދު މިވަނީ ވަރަށް ބޮޑުތައް ކުޑަ ވެގެން ގޮސްފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، ޓްރާންސްޕޯޓޭޝަން ދާއިރާއިން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް އެބަ ހުރި ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ ރައްކާތެރި ކަމަށް އިސްކަން ދީގެން ކުރަން ހުރި މަސައްކަތް ކުރުމުގައި ކުރިއަށް ދާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.