އާ ސީޕްލޭން ޓާމިނަލުން ޖާގަ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހިންގާނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ކަމަށް މިއަދު ބުނެފިއެވެ.

އެމްއޭސީލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ ޓާމިނަލުން ކުއްޔަށް ހިފައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް މިހާތަނަށް އައިއިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާސީޕްލޭން ޓާމިނަލް އިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެފައި ނުވާ ކަމަށެވެ. އަދި މިވަގުތު މަޝްވަރާތައް މަޑުޖައްސާލާފައި ވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހަދާފައިވާ އާ ރަންވޭ އޮޕަރޭޓް ކުރަން ފެށުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ. ނަމަވެސް އާ ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ މިވަގުތު އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ ފެސިލިޓީސް އާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ.

"ނަމަވެސް، ޓީއެމްއޭގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް އަންނަނީ މިވަގުތު މިވަގުތު މަޑުޖައްސާލެވިފައިިިިިިިވާ މަޝްވަރާތަކަށް ހައްލެއް ލިބި ޓީއެމްއޭގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެން." އެމްއޭސީއެލްގެ ބަޔާނުގައިވެއެވެ.

އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެ ކުންފުނިން ހިންގަން ނިންމާފައިވާކަން ހާމަ ކޮށްފައި ވަނީ އެތަން ހިންގުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ ހަވާލުކުރުމަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29، ޖެނުއަރީ 2018 ގަ އެވެ. މިތަން ހަދާފައިވަނީ ހުޅުލެ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކައިގެންނެވެ. މިއީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގައެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި އެމްއޭސީއެލް އިން ވަނީ ސީޕްލޭން ހިންގާނެ މޮޑެލް އަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ހުރިހާ ސީޕްލޭން އޮޕަރޭޓަރުންނާ އެއްކޮށް ބައްދަލު ކޮށްފައެވެ. ޢެބައްދަލުވުމުގައި އެމްއޭސީއެލްގެ ފަރާތުން ބައިވެރިވީ ބޯޑު މެމްބަރަކާއި ރައީސް އޮފީހުން އެއާޕޯޓް އަޕްގްރޭޑް ޕްރޮޖެކްޓަށް ކަޑައަޅާފައި ހުންނަވާ ބޭފުޅަކާ އެމްއޭސީއެލް ގެ އެކްޓިން މެނޭޖިން ޑިރެކްޓަރާއި ސީޕްލޭން ޓާމިނަލް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ކޮންސަލްޓަންޓެވެ.