އާ އަހަރާއި ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން 9 ރަށަކުން 51 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާ އަހަރާއި ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން 9 ރަށަކުން 51 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ފުލުހުން ވަނީ، އެތައް ރަށެއްގައި މި އޮޕަރޭޝަން ހިންގާފައެވެ. އެ ރަށްތަކުގެ ތެރޭގައި، އދ. އަތޮޅުގެ ހުރިހާ ރަށެއް، ރ. އަތޮޅު ޕޮލިސް، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ގދ. އަތޮޅު، ޅ. ނައިފަރު، ލ. ގަން. ކ. މާފުށި، ށ. ޅައިމަގު، ށ. ފުނަދޫ ހިމެނެއެވެ.

ރ. އަތޮޅު ޕޮލިސް

ފުލުހުން ބުނީ، އާ އަހަރާއި ގުޅިގެން ރާ އަތޮޅުގައި ޕޮލިސް ސްޓޭޝަންތައް ގާއިމް ކޮށްފައިވާ ހުރިހާ ރަށްރަށުގެ އާންމު މަސްލަހަތު ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ފުލުހުން ރަށުތެރެ ބެހެލެއްޓުން ވަނީ ވަރުގަދަ ކޮށްފައި ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ރ. ދުވާފަރާއި މަޑުއްވަރީގައި ހާއްސަކޮށް ރަށުތެރެ ވަރަށް ރަނގަޅަށް ބަލާ މޮނިޓާ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ރ. އަތޮޅުގެ ރިސޯޓެއްގެ ސެކިއުރިޓީގެ ކަންކަން ސްޕެޝަލް އޮޕަރޭޝަންސް ފުލުހުންނާއި ރ. އަތޮޅު ފުލުހުން ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު ރ. މީދޫ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޝައްކު ކުރެވިގެން ހުއްޓުވި މީހަކު މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެސްގޮސްފައިވެއެވެ. މި މައްސަލާގައި ހައްޔަރު ކުރީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގަ ރ. އަތޮޅުގެ ރިސޯޓަކަށް ގޮސް އެ ރިސޯޓުގެ ދެ މުވައްޒަފުންނާއި އެމީހުން ދިރިއުޅޭ ތަން ބަލާފާސްކޮށްފައިވެއެވެ. އަދި އެތަނުން އެކަކުގެ ކޮޓަރުން މަސްތުވާތަކތެި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮޅެއް ހޯދާފައިވާއިރު، ރިސޯޓުގެ މެނޭޖްމަންޓުން ވަނީ އެ ދެ މުވައްޒަފުންނާއި މެދު ވަގުތުން ފިޔަވަޅު އާޅާފައެވެ.

ފުލުހުން ބުނީ، ކުރެވުނު މަސައްކަތުން ރ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.

ފުވައްމުލައް ސިޓީ

ފުލުހުން ބުނީ، ޑިސެމްބަރު 31 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ކުރިއަށް ގެންގޮސްގައިވާ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 5 ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 4 ގެއެއްގައި ރާ ކައްކަން ތައްޔާރު ކޮށްފައި ހުއްޓާ ފުލުހުން ހޯދައިފައިވާއިރު 4 ގެއިން މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ 5 މީހުން ހައްޔަރު ކޮށްފައިވެއެވެ. ފުލުހުން ބުނީ ކައްކާފައި ހުރި ރަލުގެ 500 އެމްއެލްގެ 14 ފުޅި ފުލުހުން ހޯދައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރަށުތެރޭގެ އާންމު މަސަލަހަތު ނަގާލަން އުޅުމާއި އަދި މަސްތުގެ ހާލުގައިި ތިބިކަމަށް ބެލެވިގެން ޖުމްލަ 18 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުވައްމުލައް ސިޓީގެ ތިން ދާއިރާއަކަށް އަމާޒުކޮށްގެން ފުލުހުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ކުރެވުނު މަސައްކަތުން ފުވައްމުލައް ސިޓީގެ އާންމު ހާލަތު ރަނގަޅު ކަމަށް ފުލުހުން މައުލޫމަތުދެއެވެ.

އައްޑޫ ސިޓީ

ފުލުހުން ބުނީ، އާ އަހަރާ ގުޅިގެން އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝނުގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރެއިން 13 މީހުން ހައްޔަރު ކުރީ، ރަށުތެރޭގައި އަމަންއަމާންކަން ގެއްލޭ ގޮތަށް އުޅުމުގެ ސަބަބުން ކަމަށެވެ. އަދި ހިތަދޫގެ ފިހާރައަކަށް ގެއްލުން ދިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، ޑިސެމްބަރު 31 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އައްޑޫގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނުގެ ތެރެއިން ހިތަދޫ ވަލުތެރެއިންނާއި އަދި ފަޅު ގެއަކުން ރާ ކައްކަން ތައްޔާރުކޮށްފައިވާ 3 ތަން ތަކެއްޗާއި އެކު ހޯދާފައިވާ ކަމަށެވެ. އަދި އެތައްތަނުން ކައްކާފައި ހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ އައްޑޫ ރައްޔިތުންނާއި އެކު އާ އަހަރު ފާހަގަ ކުރުމުގައި ވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން، ހިތަދޫ ބަނދަރު ސަރަހައްދުގައި "އައްޑޫ ފްރެންޑްސް" ގެ ފަރާތުން އިއްޔެ ހަވީރު 4:00 ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންނަށް ހާއްސަ ބައެއް ހަރަކާތްތައް ހިންގުމުގައި ފުލުހުން ބައިވެރިވިއެވެ. އަދި ފުލުހުން ވަނީ، ރޭގަނޑު އޮތް ޝޯއަށް ސެކިއުރިޓީ ފޯރުކޮށް ދީފައިވެއެވެ.

ފުލުހުން ބުނީ، އޯވާ އޯލްކޮށް އައްޑޫގެ ހުރިހާ ރަަށެއްގައި ވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.

ގދ. އަތޮޅު

ގދ އަތޮޅުގައި ފުލުހުން ގާއިމް ވެފައިވާ ހުރިހާ ރަށެއްގެ ރަށުތެރެ ބެލެހެއްޓުމަށްޓަކައި ޝައްކު ކުރެވޭ މީހުން ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގދ. މަޑަވެލި ގެއެއް ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނާއިރު އެގެއިން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ގދ. ތިނަދޫގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން ޝައްކު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

ކުރެވުނު މަސައްކަތުން ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އާންމު ހާލަތު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

އދ. ޕޮލިސް

ފުލުހުން ބުނީ އދ އަތޮޅުގައި ގާއިމް ވެފައި ތިބި ހުރިހާ ރަށެއްގައި ފުލުހންގެ ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، މި އޮޕަރޭޝަންގައި ޕެޓްރޯލްކޮށް، ޝައްކު ކުރެވޭ މީހުން ހުއްޓުވާ ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އދ އަތޮޅުން ރަށްރަށަކުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައެއް ނުވާއިރު މިފަދަ ކަމެއް ފާހަގަ ކުރެވިފައި ވެސް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ށ. ފުނަދޫ

ށ. ފުނަދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު، ބަނގުރާ ބޯން ތިބިކަމުގެ ތުހުމަތުގައި ބަނގުރަލާއި އެކު ށ. ފުނަދޫ އުތުރު ކޮޅުން ވަލުތެރެއިން މީހަކު ހައްޔަރުކޮށް އަދި އެ ސަރަހައްދު ބީޗުން ބަނގުރާ ބޮއެ މަސްތުވެގެން ތިބި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 5 ލީޓަރުގެ ފުޅިއަކާއި 500 އެމްއެލްގެ ތިން ފުޅިއާއި ބަނގުރާ ފުޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ށ. ޅައިމަގު

ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުނަދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅައިމަގުގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި 5 ގެއެއް ބަލާ ފާސްކޮށްފައިވެއެވެ މި މައްސަލާގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި އަދި ވިޔަފާރި ކުރުމަށްޓަކައި ބޭނުންކުރާ ޒާތުގެ 171 ސެލޯފިން ކޮޅާއި 30 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރާއި، 33 އަހަރާއި، 29 އަހަރުގެ 3 ފިރިހެނުން. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކ.މާފުށި

ފުލުހުން ބުނީ، ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މާފުށީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާފުށީ ގެއެއް ބަލާ ފާސްކޮށް 4 ޕެކެޓް ބަނގުރާ ހޯދާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަދި އިންޓެލް ފުލުހުންނާއި މާފުށީ ޕޮލިސް ގުޅިގެން ވަނީ ރޭގެ ވަގުތެއްގައި މާފުށީ ފިހާރައެއް ބަލާފާސްކޮށް މަސްތުވާތަކެއްޗާއި އެކު 25 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ވަނީ މަސްތުވާތަކެތި ހުރި 108 ރަބަރު ޕެކެޓާއި ޖުއިސް ޕެޓީ ކޮތަޅެއް ވަނީ ހޯދާފައެވެ.

ލ. ގަން

ފުލުހުން ބުނީ، ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއަކާއި އެކު ގަމުން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ވަނީ 22 އަހަރު، 33 އަހަރި އަދި 40 އަހަރުގެ 3 ފިރިހެނުން އަދި 16 އަހަރުގެ އަންހެން ކުއްޖަކު ރޭ 9:00 ހާއިރު ގަމު ތުނޑީ ބަނދަރު ދެކުނު ފަރާތުން ހައްޔަރުކޮށްފައެވެ.

ޅ. ނައިފަރު

ފުލުހުން ބުނީ، މިއަދު ހެނދުނު 6:02 ހާއިރު ނައިފަރުން 31 ގުޅާ ޕާޓީ ޑްރަގްސްއާ އެކު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.