އާ އަހަރާ ގުޅިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން 15 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އާ އަހަރާ ގުޅިގެން އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝނުގެ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރެއިން 13 މީހުން ހައްޔަރު ކުރީ، ރަށުތެރޭގައި އަމަންއަމާންކަން ގެއްލޭ ގޮތަށް އުޅުމުގެ ސަބަބުން ކަމަށެވެ. އަދި ހިތަދޫގެ ފިހާރައަކަށް ގެއްލުން ދިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، ޑިސެމްބަރު 31 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އައްޑޫގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަނުގެ ތެރެއިން ހިތަދޫ ވަލުތެރެއިންނާއި އަދި ފަޅު ގެއަކުން ރާ ކައްކަން ތައްޔާރުކޮށްފައިވާ 3 ތަން ތަކެއްޗާއި އެކު ހޯދާފައިވާ ކަމަށެވެ.

ރާ ކައްކަން ބޭނުންކުރާ ތަކެތި / ފޮޓޯ: ޕޮލިސް

އަދި އެތައްތަނުން ކައްކާފައި ހުރި 500 އެމްއެލްގެ 12 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރާ ކައްކަން ބޭނުންކުރާ ތަކެތި / ފޮޓޯ: ޕޮލިސް

މީގެ އިތުރުން ފުލުހުން ވަނީ އައްޑޫ ރައްޔިތުންނާއި އެކު އާ އަހަރު ފާހަގަ ކުރުމުގައި ވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން، ހިތަދޫ ބަނދަރު ސަރަހައްދުގައި "އައްޑޫ ފްރެންޑްސް" ގެ ފަރާތުން އިއްޔެ ހަވީރު 4:00 ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުޑަކުދިންނަށް ހާއްސަ ބައެއް ހަރަކާތްތައް ހިންގުމުގައި ފުލުހުން ބައިވެރިވިއެވެ. އަދި ފުލުހުން ވަނީ، ރޭގަނޑު އޮތް ޝޯއަށް ސެކިއުރިޓީ ފޯރުކޮށް ދީފައިވެއެވެ.

ފުލުހުން ބުނީ، އޯވާ އޯލްކޮށް އައްޑޫގެ ހުރިހާ ރަަށެއްގައި ވެސް އާންމު ހާލަތު ރަނގަޅު ކަމަށެވެ.