ހޮނޑައިފުށި އައިލެންޑް ރިސޯޓްގައި މާރާމާރިއެއް ހިންގާ ދިވެހި މުވައްޒަފަކަށް އަނިޔާ ލިބިއްޖެއެވެ. މި ކަމާ ސުވާލުކުރަން ގުޅުމުން އެ ރިސޯޓުން މީޑިއާއަށް މައުލޫމާތު ދިނުމަށް ވަނީ އުޒުރުވެރިވެފައެވެ.
މި މައްސަލައިގައި އަނިޔާ ލިބިފައި ވަނީ އެ ރިސޯޓުގައި ބަގީ ޑްރައިވަރެއްގެ މަސައްކަތް ކުރަމުންދާ މުހައްމަދު ޝަފީގް ނަމަކަށް ކިޔާ ހދ އަތޮޅަށް ނިސްބަތްވާ މީހަކަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ އެ ރިސޯޓުގެ ޕާޗޭސް މެނޭޖާރެއްގެ މަގާމުގައި ހުރި އިންޑިޔާ މުވައްޒަފެއްކަން ވަނީ އެނގިފައެވެ. އަދި މި ހަމަލާ ދީފައިވަނީ އެ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި މިއަދު ފަތިހުގެ ވަގުތެއްގައެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ހޮނޑައިފުށި ރިސޯޓަށް "ދަ ޕްރެސް" އިން ގުޅުމުން ފޯނަށް ޖަވާބުދިން މުވައްޒަފު އެ ރިސޯޓުގެ އެޗްއާރް އަދި މެނޭޖަމްނަޓުން ޖަވާބުދާރީ ވެވޭނެ ފަރާތެއްގެ ނަންބަރު ދިނުމަށް ވަނީ އުޒުރުވެރިވެފައެވެ. ގުޅާ ބޭނުން ހާމަކުރުމަށް އެފަރާތުން އެދިފައިވާ އިރު ފޯނުން ވާހަކަ ދެއްކި މިވައްޒަފުގެ ރާގާއި ބަހުރުވަ ވަރަށް ހަރުކަށިކަން ފާހަގަވެއެވެ. އަދި އިތުރު ޖަވާބެއް ދިނުމެއް ނެތި އެ މުވައްޒަފު ފޯނު ކަނޑާލާފައިވާ އިރު އިތުރަށް ގުޅުމުންވެސް ފޯނު ނެގުމަށްފަހު ފޯނަށް ޖަވާބު ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މައްސަލަ ހިނގައި ދިޔަ ގޮތް "ދަ ޕްރެސް" އަށް ހިއްސާކުރަމުން ޝަފީގް ބުނީ، ރޭ ފަތިހު ހޮނޑައިދޫ ރިސޯޓުގެ ޕާޗޭސް މެނޭޖާ، މެނޭޖްމަންޓާއި ގެސްޓުންގެ ކުރިމަތީގައި މަސްތުވެގެންވެސް އުޅުނު ކަމަށެވެ. އަދި މަސްތުގެ ހާލަތުގައި ހުރެ ގެސްޓަކާ އެކު ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތް ކުރިތަން ފެނުނު ކަމަށާއި އެފަދަ އަމަލު ތަކަކީ ޓޫރިޒަމްގެ ގަވާއިދުގައިވާ ގޮތުން މަނާ ކަމެއްކަން އިނގޭތީ އެކަން ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެ ރިސޯޓުގެ އިތުރު ދެ މުވައްޒަފަކާ އެކު އެ އިންޑިއާ މުވައްޒަފު ކުރަމުންދިޔަ ކަންތައް ވީޑިއޯ ކުރުމަށް ލައިޓް ޖެއްސުމުން ބަނޑުގައި ފައިން ޖަހާފައި ވާ ކަމަށާއި އެ ތަނުން ހަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ކިޔައި ދިނެވެ.
ޝަފީގް ބުނި ގޮތުގައި މި މައްސަލައިގައި އެ ރިސޯޓުގެ މެނޭޖުމެންޓާ ވާހަކަ ދެއްކުމުން އެ ފަރާތުން ބޭނުންވީ ޕާޗޭސް މެނޭޖާއަށް މާފުކޮށްދިނުމަށެވެ. ނަމަވެސް އެއީ ޝަފީގް ބޭނުންވާ ގޮތް ނޫން ކަމަށާއި އަދި މި މައްސަލަ އޭނާ ވަނީ ޕޮލިހަށް ހުށަހަޅާފައެވެ.
ޝަފީގް އިތުރަށް ބުނީ ދާދި ފަހުން އެ ރިސޯޓުގެ މުވައްޒަފެއް ކަމަށްވާ ޝިމްހާޒްގެ މައްސަލައިގައި ވީ ގޮތަށް މެނޭޖްމެންޓުން ބޭނުންވަނީ މި މައްސަލަވެސް އޮއްބާލަން ކަމަށެވެ. އަދި މި މައްސަލަ ޕޮލިހަށް ހުށަނޭޅުމަށް އެދުނު ކަމަށާއި ނަމަވެސް ޝަފީގު ބުނީ އޭނާ ބޭނުންވަނީ އިންސާފު ކަމަށާއި އިތުރު މީހަކަށް އެފަދަ އަނިޔާއެއް ލިބުމަށް ނޭދޭތީ ހުށަހެޅީ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، ހދ. ހޮނޑައިފުށީގައި ރޭގެ ވަގުތެއްގައި މީހެއްގެ ގައިގައި ޖަހާ މާރާމާރިއެއް ހިންގައިފައިވާ ކަމަށް ފުލުހުންނަށް މިއަދު މެދުރު 3:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިތުރަށް އެ ރިސޯޓުގެ މެނޭޖުމެންޓުން މުވައްޒަފުންނަށް އަޅާނުލާ ކަމަށް ބުނެ ވާހަކަ ދައްކަމުން އޭނާ ބުނީ 9 މަސްދުވަހު މަސައްކަތް ކުރެވިފައި ވާއިރު، އޮފް ދުވަހެއް ނުލިބު މަސައްކަތް ކުރާތާ ހަ މަސް ވެފައި ވާ ކަމަށެވެ.
ޝަފީގު ބުނީ މިއަދު އެޗްއާރުން މީޓިންގް ރޫމަށް ގެންގޮސް ޕާޗޭސް މެނޭޖާއަށް މައާފް ކޮށްދޭން އެދިފައިވާ ކަމަށާއި އެގޮތަށް އަމަލު ކޮށްފި ނަމަ ހުރިހާ "ވޯނިންގް" ތަކެއްވެސް މައާފް ކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޝަފީގާއެކު އުޅޭ އިތުރު ދެ މުވައްޒަފަކަށް ވެސް ވަނީ ވަޒީފާއިން ވަކި ކުރާނެ ކަމަށް އިންޒާރު ދީފައި ކަމަށް ވެސް ޝަފީގު ބުނެއެވެ.
އެތަނުގެ ހިދުމަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ ފެންފޮދެއް ވެސް ޖެހެނީ ގަންނަން ކަމަށާއި ކާން ހުންނަނީ ކަޕް ނޫޑުލްސް އެކަނި ކަމަށެވެ. ޝަފީގު ބުނީ އޭނަވެސް މަސައްކަތް ކުރަނީ ޝިމްހާޒް ފަދައިން ހައްގު ހޯދުމަށް ކަމަށެވެ.
ހޮނޑައިފުށި ރިސޯޓުގައި މި މައްސަލަ ފެންމަތިވެފައި ވާއިރު ސާވިސް ޗާޖަށް އެންމެ 11 ޑޮލަރު ދީފައިވާ ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ ހޮނޑައިފުށި އައިލެންޑް ރިސޯޓުން ވަޒީފާއިން ވަކިކުރި އެ ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި، ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ވާހަކަވެސް ވަނީ ފެންމަތިވެފައެވެ. ހޮނޑައިފުށި ރިސޯޓުން ޝިމްހާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ހުސްވި ޑިސެމްބަރު މަހު 29 ވަނަ ދުވަހެވެ. އަދި މިއަދު އެ ރިސޯޓުން ވަނީ މީޑިއާގައި ދެކެވޭ ވާހަކަތަކާއި ޝިމްހާޒްގެ ވާހަކަތައް ދޮގުކަށް ނޫސް ބަޔާނެއް ނެރެފައެވެ.