އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ތާރީހް ކަމުގައިވާ 1980 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތް އެދުވަހު ފަށާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރައްދު ހިޔާމަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ. ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަކަށް ބެލުމެއް ނެތި 24 ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އަހަރު ދުވަހަށް ބަހާލައިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިންގާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފަޅު ސާފުކުރުމާއި ބީޗް ސާފުކުރުމުގެ އިތުރުން މުރަކަ އިންދުމުގެ ހަރަކާތެއް ހިމެނެއެވެ.

މިއަދު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.