ނޮވެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ދިނީ 36 ޑޮލަރު ކަމަށާއި، މުވައްޒަފު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ހޮނޑާފުށި އައިލެންޑް ރިސޯޓުން ބުނެފިއެވެ.

ހޮނޑާފުށިން މިހެން ބުނެފައިވަނީ އެ ރިސޯޓުން ނެރުނު ނޫސް ބަޔާނެއްގައެވެ. ހޮނޑާފުށިން އެ ބަޔާން ނެރެފައިވަނީ، ސާވިސް ޗާޖުގެ ގޮތުގައި ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ އެރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި، ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ވަޒީފާއިން ވަކިކުރި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.

ހޮނޑާފުށިން ބުނީ، އެ ރިސޯޓް މިހާރު ހިންގަމުންދާ ތްރިއޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރިސޯޓު ކުއްޔަށް ހިފުމަށްފަހު އެރަށް ފުރިހަމަ އޮޕަރޭޓިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ހޮނޑާފުށީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތަފާތު ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށާއި، ހުރަސްތަކާއެކު ވެސް 2018 ވަނަ އަހަރު ރިސޯޓު ހުޅުވާ އޮޕަރޭޝަނަށް ގެނެސްފައިވަނީ މަދު ކޮޓަރިތަކަކާއިއެކު ކަމަށެވެ. އަދި އެހެން ރިސޯޓުތަކާ ހިލާފަށް ހޮނޑާފުއްޓަށް ލީސް ރެންޓުގެ ގޮތުގައި ބޮޑު އަދަދެއް ދައްކާ ކަމަށް ވެސް އެ ރިސޯޓުން ބުނެއެވެ.

އެ ރިސޯޓުން ނެރުނު ބަޔާނުގައި ބުނީ، ސާވިސްޗާޖާ ގުޅޭގޮތުން ބަޔާނުގައި ބުނީ ރިސޯޓު މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި 11 ޑޮލަރު ދީފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ނޮވެމްބަރު މަހު ހޮނޑާފުށީގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 36 ޑޮލަރު ދީފައިވާ ކަމަށާއި އެ މަހު ރިސޯޓްގެ އޮކިއުޕެންސީ އަކީ 16 ޕަސަންޓު ކަމަށް ހޮނޑާފުށިން ބުނެއެވެ.

ސާވިސްޗާޖުގެ ގޮތުގައި ދެވޭ މިންވަރު ބިނާވެގެން ވަނީ ހިދުމަތް ލިބިގަންނަ މީހުންގެ އަތުން ނެގޭ މިންވަރަށެވެ. އަދި ހޮނޑާފުށީގެ ސާވިސް ޗާޖު ބިނާވަނީ ރިސޯޓުގެ އޮކިއުޕެންސީ އަށް ކަމަށް ހޮނޑާފުށިން ބުނެއެވެ. އަދި އެ ރިސޯޓުން ސާވިސް ޗާޖު މުވައްޒަފުންނަށް ދެނީ ސާވިސް ޗާޖު ބަލައިގަންނަ މަސް ނޫން ޖެހިގެން އަންނަ މަހު ކަމަށާއި މަސް ފެށުމަށްފަހު ވަޒީފާ އަށް ނިކުންނަ މުވައްޒަފަކު ނަމަ އެ މުވައްޒަފަކަށް ސާވިސް ޗާޖު ދެނީ އެ މުވައްޒަފަކު އެ މަހަކު ވަޒީފާ އަދާކުރި މުއްދަތަށް ބެލުމަށް ފަހު ކަމަށް ވެސް އެ ރިސޯޓުން ނެރުނުނ ބަޔާނުގައި ބުނެފައިވެއެވެ

މީގެ އިތުރުން، ހޮނޑާފުށީގައި ވަޒީފާ އަދާކުރަމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހު 29 ވަނަ ދުވަހު ޝިމްހާޒް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އެ ރިސޯޓުން ބުނެއެވެ. އަދި އެ ރިސޯޓުން ބުނީ ކަނޑައިލި މުވައްޒަފު ހުރީ ޕްރޮބޭޝަނުގައި ކަމަށާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.

ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ބުނެ ޝިމްހާޒް ދަނީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.