ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ތެރެއަށް ފުލުހުން ވަދެ ފުރަން ގޮސް ހުރި މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކޮށްފައި ވަނީ ފިރިހެނެކެވެ. މި ފިރިހެން މީހާ ހައްޔަރު ކޮށްފައި ވަނީ ކީއްވެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިރޭގެ ވަގުތެއްގައިވެސް މާލެއިން ވަނީ މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. މިރޭ 7:22 ހާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކުރަން ވަންނަނިކޮށް، އެގޭގެ ބެލްކަނީގައި ހުރި މީހަކު ވަނީ ބަނގުރާ ފުޅިތަކެއް މަގު މައްޗަށް އުކާލާފައި ކަމަަށް ފުލުހުން ބުނެއެވެ.

ފުލުހުން އެގެ ބަލާ ފާސްކުރިއިރު ދެ ދަޅާއި އެއް ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި 4 ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ކުށްތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ނެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ދަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.