މާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން މިރޭ 7:22 ހާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކުރި ކަމަށެވެ. އަދި އެގޭތެރެއަށް ވަންތަނުން އެގޭގެ ބެލްކަނީގައި ހުރި މީހަކު ވަނީ ބަނގުރާ ފުޅިތަކެއް މަގު މައްޗަށް އުކާލާފައި ކަމަަށް ފުލުހުން ބުނެއެވެ.

ފުލުހުން އެގެ ބަލާ ފާސްކުރިއިރު ދެ ދަޅާއި އެއް ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި 4 ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ކުށްތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ނެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ދަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.