އިއްޔެއަށް ވުރެން ރައީސް މައުމޫންގެ ހާލުކޮޅު މިއަދު ރަނގަޅުކަމަށް އާއިލާއިން ބުނެފި އެވެ.

އާލާސްކަންފުޅާ އުޅުއްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވަނީ އިއްޔެގެ ވަގުތެއްގައި އެޑްމިޓްކޮށްފަ އެވެ. ރައީސް މައުމޫނުގެ ދަރިކަނބަލުން، އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އިއްޔެއަށް ވުރެން މިއަދު ހާލުކޮޅު ރަނގަޅު ކަމަށެވެ.

ރައީސް މައުމޫން އެޑްމިޓް ކުރީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ހަފްތާއެއް ވަރު ވެއްޖެ ކަމަށާއި، އެހެންކަމުން އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހަދަން ކަމަށް އެމްއާރްއެމްގެ އިސް އޮފިޝަލަކު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އާލާސްކަންފުޅަކީ ރޯގާއާއި ހުން ކަމަށާއި، ސީރިއަސް މައްސަލައެއް ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، ރައީސް މައުމޫނުގެ އުމުރުފުޅަކީ މިހާރު 82 އަހަރެވެ. އެމަނިކުފާނު އުފަން ދުވަހަކީ 29 ޑިސެމްބަރެވެ.

މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވާކަން ވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަކީ، ރާއްޖޭގެ ތަރައްގީގެ މުހިންމު ބޭފުޅެކެވެ. އަދި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއްވެސް މެއެވެ.