ގުޅީފަޅު މަޝްރޫއުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދެއްކުމަށް ފަހު ބޯހިޔާވެހިކަމެއް ނުލިބި ގެއްލުންވި އަހަރުތަކުގެ ބަދަލު ބޭނުންވާ ކަމަށް އެ ފްލެޓުތަކުގެ ވެރިން ބުނެފި އެވެ.

ގުޅިފަޅު ފްލެޓުގެ ވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ގަތް މީހެއް ކަމަށްވާ މުހައްމަދު މޫސާ ބުނީ މި ސަރުކާރުން އަލަށް އަޅާ ފްލެޓުތަކުން އެ ފަރާތްތަކައް ފްލެޓު ދޭން ނިންމާފައިވީ ނަމަވެސް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ގުޅީފަޅުން ފްލެޓު ގަތް މީހުންނާއި ރައީސް ސޯލިހު ބައްދަލުކުރެއްވިއިރު އެމަނިކުފާނަށް އެ ރައްޔިތުންގެ އިހުސާސް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވާފައިވާ ކަމަށާއި ރަނގަޅު ބަދަލެއް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

މުހައްމަދު މޫސާ ވިދާޅުވީ އެ ބައްދަލުވުމުގައި ބަދަލުގެ ގޮތުގައި ދޭނެ ފައިސާ ތިން ހަފްތާގެ ތެރޭގައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލާގައި ރައީސް އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން އެހެން ބައެއް ކުންފުނިތަކާއި ގެއްލުން ލިބުނު ބައެއް ރައްޔިތުންނަށް ބަދަލު ދިނުމަށް ނިންމާފައިވާއިރު މުހައްމަދު މޫސާ ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގުޅީފަޅުން ފްލެޓުގަތް މީހުންނަށް ކަމަށެވެ. އަދި އެންމެ ބޮޑު ހައްގެއް ގެއްލުނީވެސް ގުޅީފަޅުން ފްލެޓުގަތް މީހުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީޑީޕީ ކުންފުންޏާ ހަވާލު ކޮށްގެން ގުޅީފަޅުގައި ހެދި 184 ފްލެޓު ގަތުމަށް 158 އާއިލާއަކުން ފައިސާ ދެއްކިއެވެ. އެގޮތުން ބައެއް އާއިލާތަކުން 200،000 ރުފިޔާ އާއި 300،000 ރުފިޔާއަށް ވުރެ ވެސް ގިނައިން ފައިސާ ދެއްކިއެވެ. އެމީހުން ދެއްކި ފައިސާގެ ޖުމްލަ އަދަދު 37 މިލިއަނަށްވުރެ ގިނައެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ވަނީ ގުޅީފަޅަކީ "އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން" ކަމަށް ބުނެ އެތަނުގައި ދިރިއުޅެމުން ދިޔަ މީހުން ބޭރުކޮށްފައެވެ. އަދި އެ މީހުންނަށް ހުޅުމާލެއިން ފްލެޓު ދޭނެ ކަމަށް ބުނެފައެވެ.