ކަނޑު މަގުން ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ ތެރޭގައި 18 އަހަރުން ދަށުގެ 2 އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

މި ބޯޓަކީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ "އާރާސްތު ބޯޓު" އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ކަނޑުމަގުން މާލެއަށް ދަތުރުކުރި ބޯޓެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން އެއް މައްސަލަ ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެކުދިންނެވެ. މާލެއަށް އައުމަށް ފުރައިގެން އައި ބޯޓުގައި އެކުދިންނަށް އެ ބޯޓުގެ ފަޅުވެރިއަކަށް އުޅުނު މީހަކު ޖިންސީ ގޯނާ ކޮށްފައިވަނީ އެކުދިން ނިދާފައި ތިއްބާ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވެއެވެ. އުމުރުން 13 އަހަރުގެ ކުއްޖާއަށް ފުރަތަމަ އެމީހާ ޖިންސީ ގޯނާ ކުރަން އުޅެފައިވާ ކަމަށާއި އެކުއްޖާ ހޭލުމުން ދެން 11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

އަދި 13 އަހަރުގެ ކުއްޖާ މަންމައަށް އެވާހަކަތައް ކިޔައިދިނުމުން އެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށާއި މާލެއަށް ދޯނި ލެފިއިރު ފުލުހުން ގޮސް ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންނާއި ޖެންޑާއިން ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފިނަމަ އެ އަމަލުގައި ބައިވެރިވާ ފަރާތްތަކުގެ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، ކުށް ސާބިތުވެއްޖެނަމަ 7 އަހަރާއި 17 އަހަރާ ދެމެދުގެ ޖަލު ހުކުމް އަންނާނެއެވެ.