ޒަކާތު ފަންޑުން ހަރަދުކޮށްގެން ލ. ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށް، އެގްރީމަންޓުގައި ސޮއި ކުރީ މިއަދެވެ. މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަދި އަފާމީ މޯލްޑިވްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަމީން މުހައްމަދެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އަދި އަފާމީ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަމީން މުހައްމަދު / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

500 މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ހަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މިއަދުން ފެށިގެން 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މިސްކިތުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ މިއީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.