އާ އަހަރާ ދިމާކޮށް، އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފު ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، މިމަހުގެ 22 ފެށިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކަމަށްވާ "ރިވެލި" ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން 6867 އަށްވުރެ ގިނަ ވެހިކަލާއި 908 އަށްވުރެ ގިނަ މީހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"އެގޮތުން ފެރުމަށް ބޭނުން ކުރާ އާލާތްތަކާއި އަހަރު ފެށުމަށް ހިންގާ ހަރަކާތްތަަކަށް ފަންޑް ހޯދުމަށް ފޭރިފަވާ ފައިސާއާ، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ އާލާތްތަކާއި، މަސްތުވާތަކެތި ފުލުހުން ހިންގާ އޮޕަރޭޝަންގައި ވަނީ އަތުލައިގެންފަ،" ސަމީރު ވިދާޅުވިއެވެ.

އެ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން ޗެކްޕޮއިންޓްތައް އިތުރުކޮށް، ފުލުހުންގެ ހަރަކާތްތަކުގެ ޕެޓާންތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޕްރެސްގައި ސަބް އިންސްކެޕްޓާ މުހައްމަދު އިސްމާއިލް ވިދާޅުވީ ހުޅޫމާލޭގައި ބަނގުރާ ބޮއެ، މަސްތުވާތަކެތި ބޭނުންކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކާއި އެކަހެރިކޮށް މީހުންތިބޭ ތަންތަން ހާއްސަކޮށް ބަލާނެ ކަމަށެވެ. އެގޮތުން އިންޑްސްޓްރިއަލް ޒޯން އާއި ފޭސް 2 ބަލައި ފާސް ކުރާނެ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ހުޅުމާލެއަށް އަރައި ފައިބާ ސަރަހައްދުތައް ބެލެހެއްޓޭނެ ކަމަށާއި ޗެކް ޕޮއިންޓްތައް ޖަހައި އުޅަނދުތައް ބަލާނެ ކަމަށެވެ. އަދި ފައި މަގުގައިވެސް ފުލުހުން އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރެސްގައި ޕޮލިސް ސްޕޯކްސް ޕާސަން އިޒްމިއާ ޒާހިރު ވިދާޅުވީ މި އޮޕަރޭޝަނަކީ މާލޭގައި ވައްކަން ކުރުމާއި އެކި ކުށްތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މިއީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.