މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާގާބިލު ވެރިކަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު، މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިތާ އެއް އަހަރުވެގެން ދިޔައިރު، ރާއްޖޭގެ އިގްތިސޯދުގައި ދިރުމެތް ނެތް ކަމަށެވެ. ވިޔަފާރިތަކަށް ދަތި އަހަރެއްކަން ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ، މި ސަރުކާރުން ބޮޑެތި ވައުދުތައް ވީއިރު އާމްދަނީ އިތުރު ކުރާނެ ގޮތެއް ހޯދިފައި ނުވާ ކަމަށާއި، ވިޔަފާރިތައް މަރުވެ، އާމްދަނީ ލިބޭނެ ގޮތެއް ނެތިގެން މީހުން ރޯން ފަށާފައިވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ، މި ސަރުކާރުން، ތަރައްގީގެ ނަމުގައި ކޮށްފައިވާ މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ރާއްޖެފަދަ ކުޑަ ގައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަގާމުތައް އިތުރުކޮށްފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ. ޖަމީލު ވިދާޅުވީ، ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ހަރަދުކުރުމަކީ މައްސަލައެއް ކަމަކަށް މި ސަރުކާރުން ނުދެކޭ ކަމަށެވެ.

ހިންގުމުގެ އެއްވެސް ތަޖުރިބާއެއް މި ސަރުކާރުގައި ނެތްތަނުގައި ސިޓިއަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަން ޖެހިފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވިދާޅުވަމުން އޭނާ ވިދާޅުވީ، ސަރުކާރުން ކިތަންމެ ކޮމިޝަންތަކެއް، ކޮމިޓީތަކެއް އުފެއްދިއަސް ރައްޔިތުންނަސް ހިދުމަތް ކުރުމަށް ފެއިލްވެފައިވާ ކަމަށެވެ. އަދި ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ބުނި ވައުދު މިހާރު ބިލާހަކަށް ވެފައިވާ ކަމަށާއި، ހިޔާލު ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ، މިނިވަން ކޮމިޝަންތަކުގެ ވެރިން ކުރިއެކޭވެސް އެއްގޮތަށް ދަނީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން ކަމަށެވެ. އަދި ޖުޑިޝަރީގައި ބަދަލުވީ ހަމައެކަނި މޫނުތައް ކަމަށާއި، ޖުޑިޝަރީ އިސްލާހު ނުކުރެވޭ ކަމަށެވެ.

ދައުލަތުގެ ވެރިއަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާކަން ފާހަގަ ކުރައްވާ ޖަމީލު ވިދާޅުވީ، ބަދަލު ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައިވާ ކަމަށާއި އެންމެ އިސްފަރާތުން ދަނީ ދައުލަތުގެ މުދަލުން ޕާޓީއަށް ކެމްޕޭން ކޮށްދެމުން ކަމަށެވެ. މި ސަރުކާރުގައި ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫއުތައް ދިނުން ސިޔާސަތަކަށް ހަދާފައިވާ ކަމަށާއި ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.