އާލާސްކަންފުޅާ އުޅުއްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޑްމިޓްކޮށްފައި ވަނިކޮށް، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެފިއެވެ.

ރައީސް މައުމޫނުގެ ދަރިކަނބަލުން، އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށް ކަމަށެވެ.

މިނިސްޓަރު ޔުމްނާ ވަނީ، ރައީސް މައުމޫނަށް ގިނަ ފަރާތްތަކުން ކުރަމުންދާ ހެޔޮ ދުއާއަށް ޝުކުރު އަދާކުރަމުންނެވެ.

ރައީސް މައުމޫން އެޑްމިޓް ކުރީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތާ ހަފްތާއެއް ވަރު ވެއްޖެ ކަމަށާއި، އެހެންކަމުން މިއަދު އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހަދަން ކަމަށް އެމްއާރްއެމްގެ އިސް އޮފިޝަލަކު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އާލާސްކަންފުޅަކީ ރޯގާއާއި ހުން ކަމަށާއި، ސީރިއަސް މައްސަލައެއް ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް، ރައީސް މައުމޫނުގެ އުމުރުފުޅަކީ މިހާރު 82 އަހަރެވެ. އެމަނިކުފާނު އުފަން ދުވަހަކީ 29 ޑިސެމްބަރެވެ. އިއްޔެ ވަނީ އެމަނިކުފާނު އުފަސްދުވަސް ފާހަގަ ކޮށްފައެވެ.

މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވާކަން ވެސް ފާހަގަކުރެވެއެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަކީ، ރާއްޖޭގެ ތަރައްގީގެ މުހިންމު ބޭފުޅެކެވެ. އަދި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއްވެސް މެއެވެ.