މާލޭގައި އަލަށް އަޅާ ސްވިމިން ޕޫލްގެ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބިން ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. ސްވިމިން ޕޫލްގެ ބިން ސާފުުކުރުުގެ އެއްބަސްވުމުގައި އިއްޔެ ޔޫތު މިނިސްޓްރީން ރަޝީދު ކާޕެންޓްރީއާ އެކު ވަނީ ސޮއިކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 898،000 ރުފިޔާ އަށެވެ. އެ މަސައްކަތް ރަޝީދު ކާޕެންޓްރީއާ ހަވާލުކުރީ 30 ދުވަސްތެރޭ ނިންމާގޮތަށެވެ.

މިކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ސްވިމިން ޕޫލްގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެވައުދުފުޅު މިއަދު ފުއްދެވިއްޖެ ކަމަށެވެ. އަދި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި، އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ސްވިމިންގް ޕޫލްގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ސްވިމިން ޕޫލްއާ އެކު ހަދާ އިމާރާތުގައި ސްވިމިން އެސޯސިއޭޝަނަށް އޮފީހަކާއި ފެތުންތެރިންނަށް ހާއްސަ ޖިމެއް ހެދުމަށް ވަނީ ނިންމާފަ އެވެ. ސްވިމިން ޕޫލް ހަދަނީ 50 މީޓަރުގެ 10 ލޭނާއި 25 މީޓަރުގެ އިތުރު ހަތަރު ލޭން ހިމެނޭ ގޮތަށެވެ. ކުރީގެ ކުނިކޮށި ހުރި ސަރަހައްދުގައި ގާއިމްކުރަނީ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލްއެކެވެ. ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރާން ޕޫލްއެއް ނެތުމުން އެކަމުގެ ޝަކުވާ ފެތުންތެރިން އަބަދު ވެސް ކުރެ އެވެ.