އަންނަ އަހަރު ގއ. އަތޮޅަށް ބޮޑެތި ކަންކަން އަންނާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޖަނާހު އަލީ ވިދާޅުވެއްޖެއެވެ.
ކޫއްޑޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖެޓެއް ޖެއްސިކަން އިއުލާން ކުރެއްވީ އެ އެއާޕޯޓުގެ ސީއީއޯ އަދި ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ. އޭނާ ވިދާޅުވީ، އަންނަ އަހަރަކީ ގއ. އަތޮޅަށް ބޮޑެތި ކަންތައްތަކެއް އަންނާނެ އަހަރެއް ކަމަށެވެ.
މިއީ ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާއެކު ތަރައްގީކޮށް ސެޕްޓެމްބަރު 2017ގައި އަލުން އެ އެއާޕޯޓް ހުޅުވި ފަހުން، އެތަނަށް ޕްރައިވެޓް ޖެޓެއް ޖެއްސި ފުރަތަމަ ފަހަރެވެ. ކޫއްޑޫ އެއާޕޯޓަށް ފުރަތަމަ ޖެއްސި ޖެޓު ޖައްސާފައިވަނީ އިއްޔެ މެންދުރު 1:20 ގައި ކަމަށް މައުލޫމަތު ލިބެއެވެ. ނަމަވެސް އެއީ ކޮންތަނަކުން އައި ޖެޓެއް ކަމެއް އަދި އެއިން އައީ ކޮން ބަޔަކު ކަމެއް އެނގިފައެއް ނުވެއެވެ. ޖަނާހު މީޑިއާތަކަށް ވިދާޅުވީ، އެއާޕޯޓަށް ޕްރައިވެޓް ޖެޓު ޖެއްސުމުގެ ހުރިހާ ހިދުމަތްތަކާއި އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އާ އަހަރާއެކީ އިތުރު ޖެޓުތައް އަންނަން ބުކް ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކޫއްޑޫ އެއާޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިންގަޕޫރުގެ ބޮނަވިސްޓާއާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި ތަރައްގީކުރި އެއާޕޯޓެކެވެ. އެތަން ފުރަތަމަ ހުޅުވީ ސެޕްޓެމްބަރު 10، 2012ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް ފަހުން ސިންގަޕޫރުގެ ކިއޮންހޮންގް ކޮންސްޓްރަކްޝަނާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ގުޅިގެން އެތަން އަލުން ތަރައްގީކުރިއެވެ. އެގޮތުން ކުރިން އެ އެއާޕޯޓުގައި އޮތް 1200 މީޓަރުގެ ދިގު ރަންވޭ، އިތުރު ދިގުކޮށް 1800 މީޓަރުގެ ދިގު ރަންވޭއެއް ހެދިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށް އަލުން ހުޅުވި ކޫއްޑޫ އެއާޕޯޓަކީ ކޯޑު ސީ ކެޓަގަރީގެ އެއާޕޯޓެކެވެ. އެތަނަށް އެއާބަސް އޭ 320 މަރުކާގެ 180 ޕެސެންޖަރުން އުފުލާ ބޯޓާއި ބޮއިން 737 މަރުކާގެ 190 ޕެސެންޖަރުން އުފުލާ ބޯޓުގެ އިތުރުން ހުރިހާ ޕްރައިވެޓް ޖެޓެއް ޖެއްސޭނެއެވެ.