އާލާސްކަންފުޅާ އުޅުއްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޑްމިޓްކޮށްފިއެވެ. އެމްއާރުއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، މައުމޫން އެޑްމިޓް ކުރީ މިއަދު ފަތިހު ވަގުތެއްގައި ކަމަށެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އާލާސްކަންފުޅާ އުޅުއްވާތާ ހަފްތާއެއް ވަރު ވެއްޖެ ކަމަށާ، އެހެންމެ މިއަދު އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހަދަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އާލާސްކަންފުޅަކީ ރޯގާއާއި ހުން ކަމަށާއި، ސީރިއަސް މައްސަލައެއް ނެތްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ އުމުރުފުޅަކީ މިހާރު 82 އަހަރެވެ. އެމަނިކުފާނު އުފަން ދުވަހަކީ 29 ޑިސެމްބަރެވެ. އިއްޔެ ވަނީ އެމަނިކުފާނު އުފަސްދުވަސް ފާހަގަ ކޮށްފައެވެ.

މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވާކަންވެސް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫނަކީ، ރާއްޖޭގެ ތަރައްގީގެ މުހިންމު ބޭފުޅެކެވެ. އަދި ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެއްވެސް މެއެވެ.