ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ ހޮނޑާފުށި އައިލެންޑް ރިސޯޓުން އިއްޔެ ވަޒީފާއިން ވަކިކުރި މުވައްޒަފު ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރި، ތ. އަތޮޅަށް ނިސްބަތްވާ އަހުމަދު ޝިމްހާޒް ބުނީ މާދަމާ މާލެ އަންނާނެ ކަމަށާއި މި މައްސަލައަށް ވަކާލާތު ކުރަން އަމިއްލައަށް ބޭނުންވެގެން ލޯޔަރުން އެދިފައިވާކަމަށެވެ.

މާލެ އައުމުން ލޯޔަރުން ބައްދަލުކުރަން އަންނާނެ ކަމަށް ބުނެ ގުޅާފައި ވާ ކަމަށާއި އޭނާ އަމިއްލައަށް އެެއްވެސް ލޯޔަރެއް ހަމަޖައްސަން މަސައްކަތްވެސް ނުކުރާ ކަމަށް އޭނާ ބުނެއެވެ.

މި މައްސަލަ ހިނގާ ދިޔަ ގޮތާ ގުޅޭގޮތުން ޝިމްހާޒް ބުނީ ކުރީ ރެއަކު 11 ޖަހާ ހާއިރު ޑިއުޓީގައި ހުއްޓާ އެޗްއާރުން ގުޅާ ގެންގޮސް މީޓިންގް ރޫމަށް ވައްދާ އެއްވެސް ކަމަކާ ސުވާލެއް ކުރަން ބޭނުންތޯ އެހި ކަމަށާއި އެއްވެސް ކަހަލަ މައުލޫމާތެއް ބޭނުންތޯވެސް އެ ރިސޯޓުގެ ޖީއެމް އާއި އެޗްއާރުން އެހި ކަމަށެވެ. އަދި ސާވިސް ޗާޖާއި ރިސޯޓުގައި ކަންތަށް ހިނގާގޮތާ ބެހޭގޮތުން އެއްވެސް ސުވާލެއް ކުރަން ބޭނުންވޭތޯ އެހި ކަމަށްވެސް ޝިމްހާޒް ކިޔައިދިނެވެ.

އަދި އޭނާގެ އެއްވެސް ސުވާލެއް ނެތް ކަމަށާއި އެއްޗެއް އިނގެން ބޭނުން ނުވާ ކަމަށް ބުނުމުން، "ރިސޯޓް ބޯއީސް އޮފް މޯލްޑިވްސް" ގެ ހޮނޑާފުށީގައި ހުނަން ފޯކަލް ޕޮއިންޓަކީ ޝިމްހާޒް ކަމަށް ބުނެ އެ ދެބޭފުޅުން ވާހަކަ ދައްކަވަން ފެށްޓެވި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބުނުމުން ހެކި ހުރި ކަމަށް ވިދާޅުވެފައި ވާ ކަމަށްވެސް ޝިމްހާޒް ކިޔައިދިނެވެ.

ހެއްކެއްގެ ގޮތުގައި އެޗްއާރުން އޭނާއަށް ވީޑިއޯ އެއް އޮތް ކަމަށް ބުނެ ދައްކަން އުޅުމުން، ވީޑިއޯ ކުރީ ކާކު ކަން އިނގޭނެ ކަމަށް ޖީއެމް ވިދާޅުވެ އެ ވީޑިއޯ ޝިމްހާޒަށް ދައްކާފައި ނުވާ ކަމަށާއި ވީޑިއޯ އާ ގުޅިގެން ފުލުހުންނަށް މައްސަލަ ހުށަހެޅިދާނެ ކަމަށާއި އޭގައި ރިސޯޓުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާފައި ވާ ކަމަށް ޖީއެމް ވިދާޅުވި ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާ ވާހަކަ ދައްކާ އޭނާ ރިޒައިން ލާން ޖެހޭނެ ކަމަށް ރިސޯޓުން ބުނުމުން އެކަމާ އިންކާރު ކުރި ކަމަށާ އަދި ރޭ 8 ޖަހާ ހާއިރު އެޗްއާރަށް ގެންގޮސް ޓާމިނޭޝަން ލެޓާގައި ސޮއި ކުރަން ބުނި ކަމަށެވެ. ވަޒީފާއިން ވަކިކުރާ ސަބަބެއް ކަމަށް އޭގައި ބުނެފައި ވަނީ ފަރުވާކުޑަ ކަމާއި ޕާފޯމަންސް ދަށްވުން ފަދަ ކަންތައްތަކެއް ކަމަށް އޭނާ ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް މިއީ ކުރިން ބުނި، ރިސޯޓުގެ އަގުވެއްޓޭ ވާހަކަ ދެއްކުން ނޫން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެތަނުގައި ވީ ކަންތައްތަކުގެ އޯޑިއޯ ރެކޯޑިން އޭނާގެ އަތުގައި އެބައޮތް ކަމަށާއި އެ ބޭނުންކުރަން ޖެހޭ ހާލަތުގައި އޭގެ ބޭނުންވެސް ހިފާނެ ކަމަށް އޭނާ ބުނެއެވެ.

އޭނާ އިތުރަށް ބުނީ ރިޒައިން ލުމުން، ގަޑިއަށް ފަރުވާތެރި އަދި ހިތްވަރާއެކު މަސައްކަތް ކުރާ މީހެއް ކަމުގެ ސެޓްފިކެޓެއް ދޭނެ ކަމަށް މެނޭޖުމަންޓުން ބުނި ކަމަށެވެ. އޭގެ އިތުރުން ޝިމްހާޒް ލޯޔަރެއް ހޯދި ކަމުގައި ވީ ނަމަވެސް، ފަސޭހަ ކަމާއެކު އެ މައްސަލަ ހައްލުކޮށް ކާމިޔާބު ކުރާނެ ވަރުގެ ލޯޔަރުން ރިސޯޓުގައި ތިބި ކަމަށް އެޗްއާރުން ބުނެފައި ވާ ކަމަށްވެސް އޭނާ ކިޔައިިދިނެވެ. ޝިމްހާޒް ބުނެފައި ވަނީ އޭނާ އަކީ ގާނޫނެއްގައި އޮތް ގޮތާ ހިލާފަށް މަސައްކަތް ކޮށްފައި ވާ މީހެއް ނޫން ކަމަަށެވެ.

ޝިމްހާޒް ބުނީ އޭނާ ޓާމިނޭޝަން ލެޓާގައިވެސް ސޮއެ ނުކުރާ ކަމަށާއި، ނޮވެމްބަރާއި ޑިސެމްބަރު މަހުގެ މުސާރައާއި ސާވިސް ޗާޖާ އެކު ޖުމްލަ ލިބުނީ 5001 (ފަސް ހާސް އެއް ރުފިޔާ) ކަމަށެެވެ. އެ ރަށުން ބޭލުމުގެ ކުރިން އޭނާއަށް މުސާރަ ހަވާލުކޮށްފައި ވާ ކަމަށްވެސް އޭނާ ބުނެއެވެ.

ޝިމްހާޒް ބުނިގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރުމަށްފަހު ރިސޯޓުން ފުރުވާލީ، ހދ. އަތޮޅު ހަނިމާދޫ އިން ގެސްޓް ހައުސް އެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ހަނިމާދޫއަށް އޭނާ ގެންދިޔަ ރިސޯޓުގެ ލޯންޗް، އެ ރަށަށް އޭނާ ދޫކޮށްލާފައި ދިޔައީ ކަމަށާއި، އޭގެފަހުން އެއްވެސް އެހީތެރިކަމެއް ރިސޯޓުން ވެފައި ނުވާ ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނީ މިހާރުވެސް ވަރަށް ގިނަ ރިސޯޓުތަކުގެ އެޗްއާރުން ވަޒީފާއަަށް ގުޅާ ކަމަށާއި މި މައްސަލައިގައި އޭނާ އަކީ ކުށްވަރިއެއް ނޫންކަން ސާބިތުކޮށްދޭނެ ކަމަށެވެ.

ޝިމްހާޒްގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށީ ރިސޯޓުން ނުހައްގުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެންބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށި ހިސާބުންނެވެ.

އެ މެސެޖުގައި ޝިމްހާޒު ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިވި ކަމުގެ ލިއުމުގައި އޭނާ ލައްވައި ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން، ފަރުވާކުޑަ ކަމަށް ބުނެ ރިސޯޓުން ވަޒީފާއިން ވަކި ކުރަނީ ނުޙައްގުން ކަމަށާއި، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ ދުރު ހިސާބެއްގެ އަތޮޅެއްގެ މީހެއްކަމުން އެވަގުތު ވަޒީފާއިން ވަކިކޮށްފިނަމަ އުޅެން ޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ޓީމުގެ އޮފިޝަލް ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޝިމްހާޒް ވަޒީފާއިން ކަނޑާލި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އޭނާއަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭނާއަށް ގާނޫނީ ގޮތުން ފޯރުކޮށްދެންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.