ޒަމާނީ ތަރައްގީއަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ޒުވާނުން ބިނާ ކުރުން ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

"ދަޕްރެސް"އަށް މެންބަރު ހުސައިން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން ގައުމު ބިނާ ކުރެއްވުމުގައި ފަސް އަހަރުގެ ޒަމާނީ ތަރައްގީއެއް ގެނެސް ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ހުސައިން ވިދާޅުވީ ޕީޕީއެމްއިން ޒުވާނުންނަށް ދައްކާނީ އުޖާލާ ކުރިމަގެއް ކަމަށެވެ. އެކަމަށް ޕީޕީއެމްއިން ފުރިހަމަ ޖާގަ އަބަދުވެސް އޮންނާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

ގައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމަކީ ޒަމާނީ ތަރައްގީއަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމަށާއި ޒަމާނީ އިލްމީ ވިސްނުން ގައުމަށް ބޭނުންވާ ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ. ޒަމާނީ އިލްމީ ވިސްނުން ގައުމުތަކަށް ބޭނުންވާތީ ގައުމުތަކުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށްވެސް މެންބަރު ހުސައިން ވިދާޅުވިއެވެ.

ނަމަވެސް ހުސައިން ވަނީ އަދުގެ ސަރުކާރުން ޒުވާނުންނަށް އެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޒުވާނުން އެމީހުންގެ އަޑު އުފުލުމުގައި ސިޔާސީ ގޮތުން ގޮންޖެހުންތަކެއް ހުރުމުން ޒުވާނުން ފަސްޖެހެމުންދާ ކަމަށެވެ. އެކަމަށް ހައްލެއް ޕީޕީއެމްގެ ސަރުކާރެއްގައި ހޯއްދަވައި ދެއްވާނެ ކަމަށްވެސް މެންބަރު ހުސައިން ވިދާޅުވިއެވެ.

މެންބަރު ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް ލިބުނު ފަހި ފުރުސަތުތައް ލިބެމުން ނުދާ ކަމަށް ބުނެ ބައެއް ޒުވާނުން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.