ތިލަފުށި ފަޅުތެރޭގައި އޮއްވައި މިއަދު ރޯވި، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ލޯންޗް އަންދާލީ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.

ތިލަފުށީ ފަޅުތެރޭގައި އޮތް މުސްތަފާގެ ލޯންޗެއްގައި ރޯވެފައިވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ. ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އެ ލޯންޗުގައި ހިފި އަލިފާން ގަނޑުވަނީ ނިއްވާލާފައެވެ. އެހާދިސާގައި ބިދޭސީއެއް ފިހި، އޭނާ މާލެ ގެނެސް ދަނީ ފަަރުވާދެމުންނެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަފުށި ފަޅުގައި އޮތް އޭނާގެ ލޯންޗް އަންދާލީ އިބޫ އަޑީގައި ހުރެގެން ކަމަށް ބެލެވޭ ކަމަށެވެ. އެކަން ކުރުވީ ޗައިނާއަށް ވަޑައިގެން ޗުއްޓީގައި ހުންނަވައިގެން ކަމަށްވެސް އޭނާ ތުހުމަތު ކުރައްވައެވެ.

"ތިލަފުށި ފަޅުގައި އޮތް އަޅުގަނޑުގެ 45 ފޫޓްގެ ލޯންޗް ހުޅުޖަހާ އަންދާލީ (ޖީއެމްއައިިޒެޑްއެލް)ގެ އެމްޑީ، މާމިނގިލި އިބޫ އަޑީގައި ހުރެގެން، މިކަން ކުރީ ޗައިނާއަށް ޗުއްޓީއަށް ގޮސް، އެތާ ހުރެގެން އޭނާ ބުނެގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވެނީ،" މުސްތަފާ ވިދާޅުވިއެވެ.

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ލޯންޗުގެ މަތީ ގެގަނޑު އެއްކޮށް ވަނީ އަނދާފައެވެ. އަދި ފަޅު ތެރޭގައި އޮތް އިތުރު ދޯންޏަކަށްވެސް ވަނީ އަލިފާނުގެ އަސަރު ކޮށް އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެ ހާދިސާ ހިނގާފައި ވަނީ ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ މޫދުގައި އަޅާފައި އޮތް ލޯންޗެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެ އަލިފާން ގަނޑު ނިއްވާލާފައިވަނީ ވަނީ މިއަދު މެންދުރު 12:15 ހާއިރުއެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ