ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ވާމިލިއަންގެ އަންހެން މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން އޭނާގެ މުސާރައާއި އިނާޔަތްތައް ދަރިފުޅަށް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ކުއްލި ގޮތަކަށް މަރުވެފައި ވަނީ ވާމިލިއަންގެ ރިޒަވޭޝަން މެނޭޖަރު ހަނާ އަބްދުއްސައްތާރު، 30، އެވެ. އޭނާ މަރުވީ އޮފީހުގައި މަސައްކަތް ކުރަން އިންދައެވެ. މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. މިދިޔަ ބުދަ ދުވަހު ހަނާ މަރުވި އިރު ފިރިއަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.

ވާމިލިއަން ކުންފުނިން ނިންމާފައިވަނީ ހަނާގެ ދަރިފުޅަށް 18 އަހަރު ވަންދެން ހަނާގެ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ލިބެމުން އައި 16،000ރ އެ ދަރިފުޅަށް ދިނުމަށެވެ.

ވާމިލިއަންގައި ހަނާ މަސައްކަތް ކުރާތާ މިހާރު 13 އަހަރު ވެފައި ވާއިރު ހަނާގެ ދަރިފުޅު ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް ކުންފުނީގެ ހަރަދުގައި ހަމަޖައްސައި ދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.