ސޫރިޔާގައި ހަރަކާތްތެރިވާ އިދިކޮޅު ހަނގުރާމަވެރިންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އިދްލީބު ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމަށް ރައީސް ބައްޝަރު އަލް-އަސަދަށް އެއްބާރުލުން ދޭ އަސްކަރީ ބާރުތަކުން ރަޝިޔާއާއި ގުޅިގެން، ސޫރިޔާގެ ހުޅަނގު-އުތުރު ސަރަހައްދުގައި މިމަހު ހިންގަން ފެށި ވަރުގަދަ އޮޕަރޭޝަންއާއި ގުޅިގެން 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 235000 އެއްހާ އާންމު ރައްޔިތުން އިދްލީބުގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައިވާކަމަށް އދއިން ބުނެފިއެވެ.

އިންސާނީ އެހީއާއި ބެހޭ އދގެ އޮފީޗް (އޯޗާ)އިން ބުނީ މިހާ ގިނަ އަދަދެއްގެ މީހުން އިދްލީބު ދޫކޮށް ނިކުމެފައިވަނީ ނިމިގެން މިދާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ 25 ވަނަ ދުވަހާ ދެމެދުގައި ކަމަށެވެ. އޯޗާއިން ބުނި ގޮތުގައި އެންމެ ގިނަ މީހުން ނިކުމެފައިވަނީ މާރާތު އަލް-ނޫމާން ސިޓީއާއި، ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އޮތް ކޭމްޕުތަކުންނެވެ. ނަމަވެސް ތުރުކީވިލާތުންވަނީ ސޫރިޔާއިން ނަގާ ރެފިއުޖީންގެ އިތުރު ރާޅެއް ތަހައްމަލު ކުރުމުގެ ބާރު މިއަދު އެގައުމަށް ލިބިފައި ނުވާކަމަށް ބުނެ، ވިލާތަށް އިންޒާރުގެ މެސެޖެއް ދީފައެވެ.

އޯޗާއިން ބުނީ މަރާތް އަލް-ނޫމާން ސިޓީއާއި އެ ސިޓީ ވަށައިގެންވާ ސަރަހައްދުތައް މިހާރު އޮތީ މުޅިންހެން ފަޅުވެފައި ކަމަށެވެ.

އެސަރަހައްދު ދޫކޮށް ނިކުތް ބައެއް މީހުން ބުނި ގޮތުގައި، ސޫރިޔާގެ އަސްކަރިއްޔާއާއި ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަސްކަރިއްޔާއިން އަމާޒު ހިފާފައިވަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅު ކޮންމެ މީހެއްގެ ފުރާނަ ދުއްވާލުމަށެވެ.

ކަންމިހެން އޮތްއިރު ސޫރިޔާއާއި ރަޝިޔާގެ ސަރުކާރުން ވަނީ، އާންމު ފަރުދުންނަށް ބެލުމެއް ނެތި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންދާކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.