ހުޅުމާލޭގައި ބަހަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ޗަނބޭލީ މަގުގައި އެމްޓީސީސީ ބަހަކާއި ޕްރައިވެޓް ކާރެއް އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހަވީރު 4:55 ހާއިރު ކަމަށެވެ. އެކްސިޑެންޓް ވެފައިވަނީ ޗަނބޭލީ މަގުގެ ދެކުނުން އުތުރަށް ބަސް ދުއްވާފައި ދަނިކޮށް، ކާރު ދުއްވަން އިން ފަރާތުން ބަސް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

ހުޅުމާލެއާއި މާލެއާި ދެމެދު ދަރުތު ކުރާ ބަސްތަކާއި ހުޅުމާލެތެރޭގައި ދުއްވާ އެމްޓީސީސީގެ ބަސްތަކަކީ އެކްސިޑެންޓްގެ ގިނަ ހާދިސާތައް ހިނގާ ބަސްތަކެކެވެ. ހަމަ އެހެންމެ އެމްޓީސީސީގެ ބަހުން ޖެހި ދެމީހަކު މަރުވެފައި ވާ ދެ ހާދިސާއެއްވެސް ހުޅުމާލޭގައި ހިނގާފައިވާކަން ފާހަގަ ކުރެވެއެވެ.