އީރާނުގެ ތާއީދާއެކު އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހަރަކާތްތެރިވާ ބްލޮކުން ހުށަހަޅުއްވާފައިވާ ކެންޑިޑޭޓަށް ބޮޑުވަޒީރުކަން ދޭންވެއްޖެނަމަ، މަގާމުން އިސްތިއުފާ ދެއްވަފާނެ ކަމުގެ އިންޒާރެއް، އިރާގުގެ ރައީސް ބަރުހަމް ސޯލިހު ދެއްވައިފިއެވެ.
ބޮޑުވަޒީރެއް އައްޔަން ކުރުމުގެ މައްސަލަ އިރާގުގައި ބޮޑުވެފައި ވާއިރު، އިރާނުގެ ތާއީދާއެކުގެ އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ ބިނާ ބްލޮކުން ވަނީ، އިރާގުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ބަސްރާގެ ގަވަރުނަރު އައްސަދު އަލް-އީދާނީގެ ނަން ހުށަހަޅާފައެވެ.
ކަންމިހެން އޮތްއިރު އަލް-އީދާނީއަކީ އިރާގުގައި މިހާރު މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބަލައިގަންނާނެ ކެންޑިޑޭޓެއް ނޫންކަމަށާ، އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ފެކްޝަނަކުން ހުށަހަޅާ ކެންޑިޑޭޓަކަށް ބޮޑުވަޒީރުކަން ދެއްވުމަށް ވުރެ ރައީސް ކަމުގެ މަގާމު ދޫކޮށްލެއްވުންވެސް ރަނގަޅު ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އިރާގުގެ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން ބޮޑުވަޒީރު ކަމަށް ހުށަހަޅާ ނޮމިނޭޝަންތަކަށް އިންކާރު ކުރެއްވުމުގެ ބާރެއް، ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެން ނުވާއިރު، މިކަމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމުގެ ލިޔުން، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަސްލަހަތަށް ބަލާ، މިކަމުގައި ދެން ގޮތެއް ނިންމާނީ ގާނޫނު ހަދާ މަޖިލީހުން ކަމަށްވެސް އިރާގުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އިރާގުގެ ގާނޫނު ބުނާ ގޮތުން ބޮޑުވަޒީރު ކަމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ އެންމެ ބޮޑު ބްލޮކުންނެވެ. އަދި އެ މަގާމަށް އެ ކެންޑިޑޭޓަކު އައްޔަންކުރައްވާނީ ރައީސް ކަމުގައި ހުންނަވާ ބޭފުޅެކެވެ. ކަންމިހެން އޮތްއިރު، އިރާގުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އޮތް ސުންގަޑި މިހާރު 2 ފަހަރެއްގެ މަތިން ވަނީ ހަމަވެފައެވެ.
އިރާގުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުންދާ ރައްޔިތުން ޑިމާންޑްކުރަނީ މިނިވަން ކެންޑިޑޭޓަކު ބޮޑުވަޒީރު ކަމުގެ މަގާމުން ފެނުމަށެވެ. އަލް-އީދާނީގެ ނަން ނޮމިނޭޓް ކުރުމާއެކު، ގިނަ އަދަދެއްގެ އާންމުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ.