ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާ ކުރައްވައި އެންމެހާ ފަރާތްތަކަށް ހެޔޮ ދުއާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތް الله ގެ ހަޒުރަތުގައި ދުއާ ދަންނަވަމުން ނެވެ.

2004 ވަނަ އަހަރުގެ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް މިފަދަ އެންމެ ބިރުވެރި އަދި ހިތާމަވެރި ކާރިސާއެވެ. މިއަދު މި ކާރިސާއަށް މިވަނީ 15 އަހަރު ފުރިފައެވެ. މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެ އެވެ. މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައިވެ އެވެ. އަދި މީގެ އިތުރުން 23 ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ. ސުނާމީ އެރި ދުވަހުގެ ހަނދާނުގައި ރާއްޖޭގައި އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2005 ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.