މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިރުކޭތަ މާދަމާ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާ ގޮތަށް ހަމަަޖައްސާފައިވާ ކަމަށެވެ. މާދަމާ ހިފާ އިރުކޭތަ އާއި ގުޅިގެން ކޭތަ ނަމާދު ކުރުމައް ހަމަޖެހިފައިވަނީ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ. އަދި މާލޭގައި ކޭތަ ނަމާދު ކުރާނީ އިސްލާމި މަރުކަޒުގައި ކަމަށާއި ވިލިނގިލީގައި ކޭތަ ނަމާދު ކުރާނީ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގައި ކޭތަ ނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އާލް ޘާނީ ގައި ކަމަށެވެ.

ހުރިހާ ރަށެއްގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން މިނިސްޓްރީން ވަނީ ކައުންސިލްތަކަން އަންގާފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އިރުކޭތަ ހިފާފަ ހުންނަތަން ދެ ގަޑިއެއްހާއިރު ފެންނަން ހުންނާނެއެވެ. އިރުކޭތަ ހިފާފައި ހުންނާނީ މާދަމާ ހެނދުނު 7:40 އެހާކަށްހާއިރުއެވެ. އިރުކޭތަ ހިފާފައި ހުންނަތަން ރާއްޖެއަށް އެއްކޮށް ނުފެންނާނެއެވެ. ރާއްޖެއަށް ފެންނާނީ ބައިކޭތަ ހިފާފައި ހުންނަ ތަނެވެ.

އިރުކޭތައިގެ މިސްރާބު ހުންނާނީ ސައުދީއަރަބިއްޔާގެ އިރުމަތިން ފެށިގެން ގޮސް ދެކުނު އިންޑިއާއިން ލަންކާ އަދި ސުމްޓްރާއާ ހަމައަށެވެ.