މާދަމާ ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ތ.ވިލުފުށީގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ވިލުފުށީގައި ބާއްވަން ހަމަޖެހިފައި ވާ ކަމަށެވެ.

މި ޖަލްސާގައި ސުނާމީ ކާރިސާއާ ގުޅިގެން ވިލުފުށީ ރައްޔިތުން ހާލުގައި ޖެހުނު ދުވަހު އެހީތެރިކަން ފޯރުކޮށްދިން ފާތްތަކަށް ހަނދާނީ ފިލާ ދިނުން ހިމެނެއެވެ.

މާދަމާ ވިލުފުށީގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު ރާއްޖެއަށާއި އިންޑިއާ ކަނޑުގެ އެހެން ބައެއް ގައުމުތަކަށް ކުރިމަތިވި ވަރުގަދަ ސުނާމީގައި އެތައް ބަޔަކު ހާލުގައި ޖެހުނުއިރު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ. ތ.ވިލިފުއްޓަކީ އެ ސުނާމީގައި މުޅިން ވީރާނާވި އެއް ރަށެެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ މުސީބާތަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ އަށް ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. އެއީ އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީއެކެވެ.

މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ.