ސިލްސިލާ ހަނގުރާމައެއް ކުރަމުން އަންނަ ސޫރިޔާގެ ހުޅަނގު އުތުރުގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން މިސައިލް ހަމަލާތަކެއްގައި 8 މީހުން މަރުވެފައިވާކަމަށާ، އޭގެ ތެރޭގައި 5 ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އެކްޓިވިސްޓުން ބުނެފިއެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ އިދްލީބް ޕްރޮވިންސްގެ ސަރާގީބުއޭ ކިއުނު ސަރަހައްދާ ދާދި ކައިރިގައި އޮންނަ ޖޯބާސް އަވަށުގައި ހުރި ސްކޫލަށް އަމާޒުކޮށް ހަމަލާދީފައިވާއިރު އެ ސަރަހައްދުގައި ތުރުކީވިލާތުން އަޅާފައިވާ އޮބްޒަވޭޝާން ޕޯސްޓެއްވެސް ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން ވަށާލާފައިވާކަމަށް އިދިކޮޅު އެކްޓިވިސްޓުން މައުލޫމާތު ދެއެވެ.

ހުޅަނގު އުތުރު އިދްލީބް ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމަށް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ވަރުގަދަ އޮޕަރޭޝަންތަކެއް މިދިޔަ ހަފުތާގައި އަނެއްކާވެސް ފަށާފައިވާއިރު، އިދިކޮޅު އެކްޓިވިސްޓުން ބުނާ ގޮތުގައި އެސަރަހައްދުގެ 40 އަށްވުރެގިނަ އަވަށާ، އާބާދުތަކެއް މިހާރު ވަނީ ސަރުކާރުގެ ބާރުގެ ދަށަށް ނަގާފައެވެ.

މިމަހުން ފެށިގެން އިދްލީބުގައި ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު 60000 އަށްވުރެ ގިނަ މީހުން އިދްލީބު ދޫކޮށް ދެކުނުގެ ހިސާބުތަކަށް ބަދަލުވެފައިވާކަމަށާ، އަދި އިތުރު އެތައް ހާސް ބަޔަކު އުތުރަށް ގޮސް ތުރުކީ ބޯޑަރާ ހިސާބަށް ބަދަލުވެފައިވާކަމަށް އދއިން ލަފާކުރެއެވެ.

ސްކޫލް އިމާރާތަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަލް-އަސަދަށް އެއްބާރުލުންދޭ އަސްކަރީ ބާރުން ކަމަށް ބުނާއިރު، ސޫރިޔާގެ އަސްކަރިއްޔާއިން ދަނީ ވެރިރަށް ދިމިޝްކްއާއި، އެންމެ ބައިބޯ ހަލަބު ސިޓީއާއި ގުޅާލަދޭ މައި ހައިވޭއެއް ހުޅުވުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ. މި ހައިވޭއަކީ 2012 ވަނަ އަހަރުން ފެށިގެން، އިދިކޮޅު ހަނގުރާމަވެރިންގެ ބާރާއެކު ބަންދުކޮށްފައި އޮންނަ ސަރަހައްދެކެވެ.