ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން އެގައުމުން އިއްވި ހުކުމުގައި އެއްވެސް ވަރެއްގެ އިންސާފެއް ނެތްކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކާ، ތުރުކީވިލާތުން ބުނެފިއެވެ.

ވަރި/ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތްތާ ކުޑަ އިރު ކޮޅެއްގެ ތެރޭގައި އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި މައްސަލައަށް 1 އަހަރަށްވުރެވެސް ގިނަ ދުވަސްވީ ފަހުން، ސައުދީއިން ހޯމަ ދުވަހު (އިއްޔެ) އާންމު ކުރި ބަޔާނުގައި، 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ކުރިން ތުހުމަތު ކުރެވެނު ގިނަ ބައެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ބުނެ، އެމީހުން ވަނީ މިނިވަންކޮށްފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ވ) އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން/ފޮޓޯ: ޑެއިލީ ބީސްޓް

ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އާއި އޭނާގެ އަރިސް މެމްބަރެއްގެ ގޮތުގައި ސައުދީގެ ޝާހީ އާއިލާއާއި ދާދި ގާތުން މަސައްކަތް ކުރަމުން އައި ބައެއްގެ މައްޗަށްވެސް ކުށް ސާބިތު ނުވާކަމަށް ސައުދީއިން ވަނީ ނިންމާފައެވެ.

ސައުދީގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ބުނީ ޚަޝޯގީގެ މަރާ ގުޅިގެން 31 މީހެއްގެ މައްޗަށް ތަހުގީގު ހިންގުނު ކަމަށާ، ދައުވާ އުފުލާފައިވަނީ އޭގެ ތެރެއިން 11 މީހެއްގެ މައްޗަށް ކަމަށެވެ. މީގެ ތެރެއިން 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު 3 މީހެއްގެ މައްޗަށް އިއްވާފައިވަނީ 24 އަހަރު ދުވަހުގެ ޖަލު ހުކުމްތަކެކެވެ. ދެން ތިބި އެންމެނަކީވެސް މިހާރު މިނިވަންނުންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

މީގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގައި ދައްކަމުން ދިޔަ ވާހަކަތަކާ ހިލާފަށް ސައުދީގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރު ޝަލާން އަލް-ޝަލާން ވިދާޅުވީ ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ނޫންކަމަށެވެ. އަދި އޭނާ މަރާލަން ނިންމި ނިންމުމަކީ އެ ވަގުތުން އެވަގުތަށް ނިންމިގެންދިޔަ ނިންމުމެއް ކަމަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ހިއުމަން ރައިޓްސް ވޮޗްގެ ތަރުޖަމާނު އަހުމަދު ބިންޗެމްޒީ ވިދާޅުވީ، ސިއްރިއްޔާތުގައި ސައުދީއިން ކުރިއަށްގެންދިޔަ ޝަރިޔަތްތަކުގައި އަދިވެސް ނޭނގޭ ކިތަންމެ ކަންތައްތަކެއް އެބަހުރި ކަމަށާ، އެންމެ ކުޑަ މިނުން، ހުކުމްތައް އިއްވާފައިވަނީ ކޮންކޮން ބައެއްގެ މައްޗަށްކަންވެސް އަދިވެސް ނޭނގޭ ކަމަށެވެ. ކަންމިހެން އޮތްއިރު، މި ޖަރީމާއާއި ގުޅިގެން މަތީ ފަންތީގެ ބޭފުޅުންގެ މެދުގައި ހިންގަންޖެހޭ ތަހުގީގުތައް ހިންގުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކޮށްފައި ނުވާކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

އެގައުމެއްގައި ޚަޝޯގީ މަރާލި ތުރުކީވިލާތުންވެސް ވަނީ ސައުދީ އަރަބިއްޔާގެ ހުކުމަށް ފާޑުކިޔާފައެވެ. އެގޮތުން އެއީ ލަދުގަންނަންޖެހޭ ވަރުގެ ހުކުމެއް ކަމަށާ، ޚަޝޯގީގެ މަރުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް މި ހުކުމުގެ ސަބަބުން ހިމާޔަތް ލިބިފައިވާކަމަށް ތުރުކީވިލާތުން ވަނީ ސިފަކޮށްފައެވެ. ޚަޝޯގީގެ މަރުގެ މައްސަލާގައި މިނިވަން ތަހުގީގެއް ތުރުކީވިލާތުން ކުރިއަށް ގެންދިއުމަށްވެސް ސައުދީއިންވަނީ ހުރަސް އަޅާފައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންގެ ޕްރެސް އޮފިޝަލު ފަހްރުއްދީން އަލްތޫން ވަނީ، ޚަޝޯގީ މަރާލުމަށް ޕްރައިވެޓް ޖެޓެއްގައި ތުރުކީވިލާތަށް ޑެތްސްކޮޑް ފޮނުވި މީހާއާއި، ޚަޝޯގީގެ މަރު ފޮރުވަން އުޅުނު މީހުންނާ ބެހޭ ގޮތުން ސުވާލު އުފައްދަވާފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

ތުރުކީވިލާތުގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޚަޝޯގީގެ މަރަށް އިންސާފު ހޯދާދިނުމަށް ސައުދީ އަރަބިއްޔާއިން ފެއިލްވެފައިވާކަމަށެވެ.

ޚަޝޯގީގެ މަރު ތަހުގީގުކުރެއްވި އދގެ ހާއްސަ ރެޕަޗުއާ އެގްނަސް ކެލަމާޑްގެ ވާހަކަފުޅުވެސް ހުރީ މިފަދަ ގޮތަކަށެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ރިޕޯޓާޒް ވިތައުޓް ބޯޑާޒްއިން ބުނީ ބައިނަލްއަގުވާމީ އިންސާފުގެ ހަމަތަކުން ބޭރުން ހިންގި ޝަރިއަތެއްގައި ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިގެން ދިޔަ ދިއުމަކީ އަނެއްކާވެސް އަދުލު އިންސާފު ފައިދަށުލުން ކަމަށެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ (ކ) ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަންނަނިކޮށް އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފުޓޭޖުގެ ސްކްރީންގްރޭބް/ފޮޓޯ: ދި އޮސްޓްރޭލިއަން

އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ބުނީ މިއީ ޚަޝޯގީއާއި އޭނާގެ ގާތް ތިމާގެ މީހުންނަށް އިންސާނު ލިއްބައިދިން ހުކުމެއް ނޫންކަމަށެވެ.

އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލިއިރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ތުރުކީވިލާތުގެ ޚަދީޖާ ޖެންގީޒްވެސް ވަނީ ސައުދީގެ ހުކުމް ބަލައި ނުގަންނަ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ. ނަމަވެސް ޚަޝޯގީގެ ދަރިއެއްކަމަށްވާ ސޮލާހް ޚަޝޯގީވަނީ އޭނާގެ އާއިލާއަށް އިންސާފު ލިބިއްޖެކަމަށް ބުނެ، ސައުދީގެ ޕަބްލިކް ޕްރެސެކިއުޓަރަށް ޝުކުރުއަދާކޮށްފައެވެ. ސޮލާހް ޚަޝޯގީއާއި ސައުދީގެ ސަރުކާރާ ދެމެދު އަޑިނޭނގޭ އެއްބަސްވުންތަކެއް ހިނގި ކަމުގެ ޚަބަރުތަކެއް މީގެ ކުރިންވަނީ ފެންމަތިވެފައެވެ.

ކަންމިހެން އޮތްއިރު، ސައުދީގެ ހުކުމް ބަލައިގަންނަ ކަމަށާ، މިއީ މިމައްސަލާގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. ނަމަވެސް ޚަޝޯގީގެ މަރަކީ އެމްބީއެސްގެ އޯޑަރަށް ހިންގި ޖަރީމާއެއްކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)އިން މީގެ ކުރިން ވަނީ ބުނެފައެވެ.

އަދާ ހަމައަށް އައިއިރުވެސް ޚަޝޯގީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.