ކ. މާފުށީ ފިހާރައެއް ފަޅާލައި، 14 ކާޓޫނު ސިގިރެޓް ނެގި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 3:50 ހާއިރު މާފުށީ ފިހާރައެއް ފަޅާލައި، ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން މި ވައްކަން ކޮށްފައިވާއިރު، ފިހާރަ ތެރެއިން ވަގަށް ނަގާފައި ވަނީ 14 ކާޓޫނު ސިގިރެޓް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި ވައްކަން ކުރުމަށް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ވާއިރު، އެ ބިއްލޫރިތަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ އަތް ކަނޑައިގެންގޮސް، ދޮރުގައާއި ތަޅުންގަނޑު މަތީގައި ލޭ ހުރި ކަމަށެވެ.

މާފުށީ ފިހާރައެއް ފަޅާލާ، 14 ކާޓޫނު ސިގިރެޓް ވަގަށް ނަގައިފި / ފޮޓޯ: ޕޮލިސް

މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ރޭ 4:15 ހައިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ އޭނާ ވަގަށް ނެގި ސިގިރެޓް ކާޓޫނުތައް ވެސް ހޯދާފައެވެ. ފުލުހުން ބުނީ، މި މައްސަލާގަގއި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ. ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާފުށީ ފިހާރައެއް ފަޅާލައިގެން ރޭ ވައްކަން ކޮށްފައިވާރު، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ވައްކަމުގެ މައްސަލަތައް ފުލުހަށް ހުށަހެޅިފައިވާލެއް ގިނަވުމާއި ގުޅިގެން ފުލުހުން ވަނީ މާލޭގަިއ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައިކަން ފާހަގަކޮށް ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެ ކަމަށެވެ.