ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވާކަމަށް ސައުދީ އަރަބިއްޔާގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަލާން އަލް-ޝަލާން ހާމަކުރައްވައިފިއެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް، ވަރި/ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހޯދުމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ވަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި މައްސަލާގައި ސައުދީ އަރަބިއްޔާއިން ހިންގާ ތަހުގީގާ ގުޅިގެން ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިކަން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

ޚަޝޯގީ މަރާލާފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ އޯޑަރަކަށް ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް ސައުދީއިން މިކަމާ ދެކޮޅު ހަދައެވެ. ސައުދީގެ ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި ޚަޝޯގީ މަރާލުމުގެ އަމަލު ބަލަމުންދިޔައީ އެގައުމުގެ ޖާސޫސީ އިދާރާގެ ޑެޕިއުޓީއެއްގެ މަގާމުގައި ހުންނެވި އަހުމަދު އަލް-އާސިރީއެވެ. އަދި އެކަމަށް އިރުޝާދު ދެއްވަމުން ދިޔައީ ސައުދީގެ ޝާހީ އާއިލާގެ އަރިސް މެމްބަރެއް ކަމަށްވާ ސައުދު އަލް-ޤަހުތާނީ ކަމަށްވެސް ސައުދީގެ ޕްރޮސެކިއުޓަރުން ވަނީ ވިދާޅުވެފައެވެ.

ސައުދީގެ ޕްރޮސެކިއުޓަރުން އެންމެ ފަހުން އާންމުކުރި ބަޔާނަށް ބަލާއިރު، އަލް-ޤަހުތާނީގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނެތުމުން އޭނާގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. ނަމަވެސް އާސިރީގެ މައްޗަށް ދައުވާ އުފުލި ކަމަށާ، އަނެއްކާވެސް ހެކި ނެތުމުގެ ސަބަބުނ އޭނާވެސް ދޫކޮށްލީ ކަމަށް ބަޔާނުގައިވެއެވެ.

ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅިގެން އެހެން ބަޔަކަށް ތަހުގީގު ހިންގުމުގެ ފުރުސަތެއް ނުދީ ސައުދީއިން އަމިއްލައަށް ކުރިއަށް ގެންދިޔަ ތަހުގީގުތަކަށްފަހު 11 މީހެއްގެ މައްޗަށް ދައުވާ އުފުލުއިރު، މަރުގެ ހުކުމް އިއްވާފައިވަނީ މީގެ ތެރެއިން 5 މީހެއްގެ މައްޗަށެވެ. 3 މީހެއްގެ މައްޗަށް 24 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާއިރު، އެހެން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ބުނެ، އެމީހުން ވަނީ މިނިވަންކޮށްފައެވެ. މިއިން ކޮންމެ މީހަކަށްވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު، ސައުދީގެ ގާނޫނުން ލިއްބައިދެއެވެ.

ޚަޝޯގީ މަރާލުމުގެ ސީދާ އަމަލު ހިންގި އިމާރާތް ހުންނަ ތުރުކީވިލާތުގެ ޖާސޫސީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ. އަދި މިއީ އެމްބީއެސްގެ އޯޑަރަކަށް ކުރި ކަމެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)އިންވެސް ވަނީ ބުނެފައެވެ.

އަދާ ހަމައަށް އައިއިރުވެސް ޚަޝޯގީގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.