މާލެ ސިޓީގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއޮޕަރޭޝަން ފަށާފައި ވަނީ ރޭގައެވެ. މި އޮޕަރޭޝަން ފަށާފައި މިވަނީ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ވައްކަމުގެ މައްސަލަތައް ފުލުހަށް ހުށަހެޅިފައިވާލެއް ގިނަވުމުނާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ފަށާފައި ވަނީ ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައިކަން ފާހަގަކޮށް ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެ ކަމަށެވެ. ފުލުހުން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު އެކި މައްސަލަތަކާއި ގުޅިގެން އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ މީހުންނާއި ދެކޮޅަށް މިދިޔަ ހަފްތާއާ މި ހަފްތާގައިވެސް ފުލުހުން ވަނީ ބޮޑެތި އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަދި ހަމައެއާއެކުގައި ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށްވެސް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް މާލެސިޓީ އަދި ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ރ. މަޑުއްވަރީގައި ފުލުހުން ވަނީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ފުލުހުންނާއި އެކު ސިފައިންވެސް ހަރަކާތްތެރިވެފައިވެއެވެ.