މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގާ "ސެޓިފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިންގް” ކޯސް މިއަދު އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ކޯސް ފެށުމުގެ ގޮތުން ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓާގައި ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަގަސްދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 30 މުވައްޒަފަކު ބައިވެރިވެފައި ވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް "ޕޯޓް ސެކިއުރިޓީ" ކޯހެއް ކޯސްޓްގާޑުން ފެށި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

އަދި އެންއެންޑީއެފުން ބުނީ މި ކޯސް މިއަދުން ފެށިގެން ތިން ހަފުތާގެ މުއްދަތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ކޯހުގައި ބައިވެރިންނަށް އުނަގަންނައިދޭ ބައިތަކުގެ ތެރޭގައި ފަޔާ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނިކްސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯރޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވައިރަމަންޓް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމަންޓް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނިކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރމަންޓް ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް "ޕޯޓް ސެކިއުރިޓީ" ކޯހެއް ކޯސްޓްގާޑުން ފެށި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

އެމްޕީއެލްގެ މުވައްޒަފުންނަށް ހިންގާ މި ކޯސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނަންޓް ކާނަލް އަހްމަދު މުޖުތަބާއާއި އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަލްފާޟިލް ޝާހިދު އަލީ އާއި އެމްޕީއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު އަލްފާޟިލް އިބްރާހީމް އަބްދުﷲ ބައިވެރިވެލެއްވިއެވެ. އަދި ކޯހުގައި މުދައްރިސުންގެގޮތުގައި މަސައްކަތްކުރައްވާ ކޯސްޓްގާޑްގެ ސިފައިން ބައިވެރިވެލެއްވިއެވެ.