އުމުރާގެ އަޅުކަމަށް ގޮސް އުޅުނު އަންހެނެއްގެ ހާލު ސީރިއަސްވެ އޭނާ މާލެ ގެނައުމަށް އާއިލާއިން ބޭނުންވެ ފައިސާ ނެތުމުން އޭނާ ގެނައުމުގައި ސަރުކާރުން އެހީވާ ކަމަށް ބުނެފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން ސައުދީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހައްވާ އަލީ އާއި އޭނާގެ އާއިލާ އާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި ހައްވާ އަލީ ރާއްޖެ ގެނައުގެ އިންތިޒާމުގައި އެމްބަސީ އިން އެހީތެރިވަމުން ދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އާއިލާގެ ފަރާތުން ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހައްވާ އަލީގެ ހުރިހާ ކުދިންވެސް މިވަގުތު ތިބީ މައްކާގައި ކަމަށާއި އެހެންކަމުން އޭނާ މާލެ ގެނައުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ދަތިތައް ހުރި ކަމަށެވެ.

ހައްވާ އަލީ މާލެ ގެނައުމަށް ސައުދީ އެއާލައިނުން މީގެ ކުރިން ބުނެފައިވަނީ ތިން ސީޓު ބޭނުންވާނެ ކަމަށާއި ނަމަވެސް މިހާރު ހަ ސީޓު ބޭނުންވާ ކަމަށް އެ އެއާލައިނުން ބުނެފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެއެވެ. އާއިލާ އިން ވަނީ ހައްވާ އަލީ މާލެ ގެނައުމަށް ބޭނުންވާ ސީޓު ހޯދުމަށް ބޭނުންވާ ފައިސާ އެއްކުރުމަށް އާންމުންގެ އެހީއަކަށް އެދިފައެވެ.

ހައްވާ އަލީ އަކީ ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްހުރި ތ. ގުރައިދޫ މީހެކެވެ.

އުމުރުން 79 އަހަރުގެ، ގުރައިދޫ ކީރަންމާގެ ހައްވާ އަލީގެ ހާލަތާ ގުޅޭގޮތުން އެ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ހައްވާ އަލީ އަށް އަނިޔާވީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ދެވަނަ އުމްރާގެ ސައުޔު ކުރުން ފުރިހަމަކޮށް ހޮޓަލަށް ދިޔުމަށް ހިނގައިގަތް ވަގުުތު ސޮފާ މަރުވާ ތެރެއަށް ވެއްޓިގެން ކަމަށެވެ.

އެ ޖަމާއަތުން ބުނީ ހައްވާ އަލީ ސޮފާ މަރުވާ އާއި ދެމެދަށް ވެއްޓުމާއެކު އެ ޖަމާއަތުގެ ޑޮކްޓަރާއި ނަރުހުން އަދި ޖަމާއަތުގެ އިމާމުންގެ ހަވާލުގައި މައްކާގެ ނޫރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ޑޮކްޓަރާ ހަވާލާދީ އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ ހައްވާ އަލީގެ ފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ރެނދެއްލާފައިވާ ކަމަށެވެ.

ހައްވާ އަލީގެ ފައިގައި ރެނދުލާފައިވާ ތަނުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާ ދީފައިވާ ކަމަށާއި ނަމަވެސް އޭނާ އާއެކު މައްކާގައި ތިބި އާއިލާގެ މީހުން ބޭނުންވަނީ މައްކާއިން އޮޕަރޭޝަން ނުކޮށް ހައްވާ އަލީ މާލެ ގެނައުމަށް ކަމަށް ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޑޮކްޓަރުގެ ލަފާގެމަތިން އާއިލާގެ އެދުމާ އެއްގޮތަށް ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ޖަމާއަތުންވެސް ކުރަމުންދާ ކަމަށާއި އެކަމަށްޓަކާ ބޭނުންވާ ސީޓު ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ޔަލަމްލަމް ގްރޫޕުން ބުނެފައިވެއެވެ. އެގްރޫޕުން ބުނީ ހައްވާ އަލީ މާލެ ގެނެވޭނީ ސްޓެރެޗާ ކޭހެއްގެ ގޮތުގައި ކަމަށާއި އެކަމަށް ބޭނުންވާ ލިޔުންތައް ހޮސްޕިޓަލުން ލިބިފައިވާ ކަމަށެވެ.

އަދި ލިޔުންތައް މިހާރު އެއާލައިނާވެސް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ޖަމާއަތުގެ ހަވާލުގައި ސައުދީއަށް ގޮސްތިބި އުމްރާވެރިން އެނބުރި މާލެ އަންނަ ދުވަސް ކަމަށްވާ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށްވެސް ސްޓްރެޗާ ކޭހެއްގެ ގޮތުގައި ހައްވާ އަލީ މާލެ ގެންނަން ޖާގަ ލިބެނޭކަމުގެ ޔަގީންކަމެއް ނެތް ކަމަށް އެ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ގްރޫޕުން ބުނީ ކަމާ ގުޅޭ މުވައްސަސާތަކާ ގުޅިގެން ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން އެއާލައިނަކުންވެސް ޖާގަ ހޯދައިގެން ސްޓްރެޗާ ކޭހެއްގެ ގޮތުގައި ހައްވާ އަލީ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ބޮޑު ހަރަދެއް ހިނގާ، ގިނަ ސީޓު ތަކެއް ބޭނުންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.