1947 ވަނަ އަހަރު އެމެރިކާގެ ވައިގެ އަސްކަރިއްޔާ އުފެއްދިފަހުން އެގައުމުގެ އަސްކަރީ ހިދުމަތަށް އިތުރުކުރި ފުރަތަމަ ގޮފީގެ ގޮތުގައި އެމެރިކާގެ ޖައްވީ އަސްކަރީ ބާރުގެ ގޮފި، އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރަސްމީކޮށް އެކުލަވާލައްވައިފިއެވެ.

އެމެރިކާގެ ނޭޝަނަލް ޑިފެންސް އޯތަރައިޒޭޝަން އެކްޓްގައި ސޮއިކުރައްވާ، އެގާނޫނު ތަސްދީގުކުރެއްވުމާއެކު، އެމެރިކާގެ އަސްކަރިއްޔާ މިހާރު އެކުލެވިގެންވަނީ 6 ގޮތްޕެއްގެ މައްޗަށެވެ. އެގޮތުން 6 ވަނަ ގޮތްޕަކީ، ޖައްވީ ހަނގުރާމަތަކަށް ހާއްސަކޮށްގެން އެކުލަވާލި ތާރީހީ ގޮތްޕެވެ.

ޖައްވީ އަސްކަރިއްޔާގެ ގޮތްޕަކީ އެމެރިކާގެ އަސްކަރިއްޔާގައި މިހާރު އެކުލެވޭ އާމީ، ނޭވީ، އެއާފޯސް، މެރީންސް އަދި ކޯސްޓްގާޑްއާއި އެއްވަރުގެ ޝަރަފަކާ ބާރެއް ލިބިފައިވާ ގޮތްޕެކެވެ.

އެމެރިކާ އަސްކަރިއްޔާގެ ގޮތްޕެއް ޖައްވުގައި ގާއިމުކުރުމަށް ޓްރަމްޕް މަސައްކަތް ފެއްޓެވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

އެމެރިކާގެ ޖައްވީ އަސްކަރީ ބާރުގެ ޒިންމާއަކަށް ވެގެންދާނީ ޖައްވު ތެރޭގައި ގައުމުތަކުން ހިންގާ ކަންކަމުގެ މައްޗަށް އެމެރިކާގެ ބާރު ގަދަ ކުރުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ޖައްވީ އަސްކަރީ ބާރުވެސް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމެވެ. އަދި ޖައްވީ ހަރަކާތްތައް ސަމާލުކަން ދީގެން އެމެރިކާގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އެމެރިކާއިން ގަބޫލުކުރާ ގޮތުގައި މުސްތަގުބަލުގައި ވަރުގަދަ ހަނގުރާމަތަކެއް ކުރެވިގެންދާނީ ޖައްވު ތެރޭގައެވެ.

އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ޖައްވީ ގޮފި އެކުލެވިގެންވާނީ ވައިގެ އަސްކަރިއްޔާއާއި މަދަނީ މުވައްޒަފުންގެ ތެރެއިން ހޮވާލެވޭ 16000 މެމްބަރުންގެ ޓީމެއްގެ މައްޗަށެވެ. އަދި މީގެ ތެރެއިން ބައެއް މެމްބަރުން މިހާރުވެސް ސްޕޭސް ކޮމާންޑްގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.