އިންޑިއާގެ އުތުރު އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ އުންނާވްގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ޝަރީއަތުގައި، އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގައި ކުރިން އިންނެވި މެންބަރު ކުލްދީޕު ސިންހް ސެންގާރުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ސެންގާރަކީ މި ފަހަގެ ތާރީހުގައި މިހާ ބޮޑު ޖަލު ހުކުމެއް އިއްވުނު އިންޑިއާގެ އެންމެ އިސް ސިޔާސީ ޝަހްސުވެސްމެއެވެ. މި ދަނޑިވަޅަކީ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތައް ކޯޓުގައި ދިގުލާ ދިއުމުގެ ބޮޑެތި ތުހުމަތުތަކެއްވެސް އިންޑިއާގެ ޝަރުއީ ދާއިރާއަށް އަމާޒުވަމުންދާ ދަނޑިވަޅެއްވެސްމެއެވެ.
ބީޖޭޕީއިން ވަކިކޮށްފައިވާ ސެންގާރާއި ދެކޮޅަށް އިންޑިއާގެ ކޯޓެއްގައި މިދިޔަ ހޯމަ ދުވަހު މައްސަލަ ބަލަން ފެށީ ޖިންސީ ފުރައްސާރައިން ކުޑަކުދިން ސަލާމަތް ކުރުމަށް ބާރުދޭ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އޭނާ ވަނީ މި ދައުވާއަށް އިންކާރުކޮށްފައެވެ.
ސެންގާރުގެ ދިފާއީ ވަކީލު ތަންވީރު އަހުމަރު މީރު ބުނީ އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިތުރުން 2.5 މިލިއަން ރުޕީޒް (35000 ޑޮލަރު) އިން އޭނާ ޖޫރިމަނާވެސް ކޮށްފައިވާކަމަށެވެ.
ސެންގާރުގެ އަމަލުތަކުގެ ސަބަބުން ރޭޕްގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އިންސާފު ލިބިއްޖެކަމަށާ، އެކަމާ އުފާ ކުރާ ކަމަށެވެ.
މި ކޭހަކީ މީޑިއާގެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދިޔަ ހާދިސާއެކެވެ. އެއީ 2017 ވަނަ އަހަރު ފުރާވަރު އުމުރުގެ ކުއްޖެއްގެ ގޮތުގައި ސެންގާރު އޭނާ ރޭޕް ކުރަން އުޅުމުން އެމައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންގެ ފަރާތުން އެދެވޭ އިޖާބައެއް ނުލިބުމުގެ ސަބަބުން އެކުއްޖާ އަމިއްލައަށް މަރުވާ އުޅުނު މައްސަލައަކާވެސް ގުޅިގެންނެވެ.
މީގެ އިތުރުން، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ އަންހެން ކުއްޖާއާއި އޭނާގެ އާއިލާގެ މެމްބަރުންތަކެއް ދަތުރުކުރަމުންދިޔާ ކާރެއްގައި ޓްރަކަކުން ޖައްސާ، އަންހެން ކުއްޖާގެ 2 ބޮޑުދައިތައަކު މަރާލުމާއި، އެކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުން ހާދިސާއަކީވެސް މީޑިއާގެ ސަމާލުކަން ހުއްޓުވާލި ޚަބަރެކެވެ. މިހާދިސާގައި މަރުވި ބޮޑުދައިތައިންގެ ތެރެއިން 1 އަކީ، 2017 ވަނަ އަހަރުގެ ރޭޕްގެ މައްސަލާގައި ހެއްކެއްގެ ގޮތުގައިވެސް ހުށަހަޅާފައިވާ މީހެކެވެ.
ސެންގާރާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ފެއިލްވަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވުމާއެކު، ބީޖޭޕީގެ މެމްބަރުކަމުން އޯގަސްޓް މަހުގެ ތެރޭގައި އޭނާ ވަކިކުރެއްވީ ސީދާ ބޮޑުވަޒީރު ނަރޭންދްރާ މޯދީއެވެ.
ކަންމިހެން އޮތް ނަމަވެސް ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލަތަކަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން އެދެވޭ ހައްލެއް ހޯދާދެމުން ނުދާކަމުގެ ޝަކުވާތައް އަދިވެސް ދަނީ ގަދަވަމުންނެވެ.
އިންޑިއާގެ ޖިނާއީ ކުށްތަކުގެ ތަފާސް ހިސާބުތަޖާ ބެހޭ ބިއުރޯއިން އާންމުކޯށްފައިވާ މައުލޫމާތަށް ބަލާއިރު 2017 ވަނަ އަހަރު އެކަނިވެސް ރޭޕްގެ 33000 މައްސަލައަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާއިރު 90 ކޭހަށްވުރެ ގިނަ މައްސަލައެވެ.