ތައިލޭންޑްއިން ހޯދަމުންދިޔަ ސިލްސިލާ ގާތިލު، ރޭލުން ދަތުރުކުރި 2 ފަސެންޖަރެއްގެ އެހީއާއިއެކު ހޯދައިފިއެވެ.

އުމުރުން 55 އަހަރުގެ ސޮމްކިޑް ޕަމްޕުއާންގްއަކީ 5 މީހުންގެ މަރުގެ މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. ނަމަވެސް ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން އޭނާ ޖަލުން ދޫކޮށްލީ މިއަހަރުގެ ކުރީކޮޅުއެވެ. އޭގެ ފަހުން އޭނާ ވަނީ 6 ވަނަ މީހަކު މަރާލާފައެވެ. މިމައްސަލާގައި ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދަން ފެށީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިފަހަރު އޭނާ މަރާލީ އުމުރުން 51 އަހަރުގެ އަންހެނެކެވެ.

ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ހޯދަމުންދިޔަ ސިލްސިލާ ގާތިލު ސޮމްކިޑް ދެނެގަތީ ރޭލަށް އެދި ޒުވާން ޖޯޑެއް ކަމަށް ތައިލޭންޑްއިން ބުނެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެމީހުންގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ރޭލަށް އަރާ އިށީންއިރު އެ ދެމީހުންނަށްވެސް އިށީނދެގެން ތިބެވުނީ ސޮމްކިޑްއާއި ކުރިމަތިވާ ގޮތަށް ހުންނަ ގޮނޑި ބަރީގައެވެ.

6 އަންހެނެއްގެ ގާތިލު، އުމުރުން 55 އަހަރުގެ ސޮމްކިޑް ޕަމްޕުއާންގް (މ) ތައިލޭންޑްގެ ރޭލެއްގެ ތެރެއިން ހައްޔަރުކުރަނީ/ފޮޓޯ: އީޕީއޭ

އެމީހުންގެ ކުރިމަތީގައި އިނީ ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ހޯދަމުންދިޔަ ސޮމްކިޑް ކަން އެންމެ ފުރަތަމަ ރެއަކާލީ އަންހެން މީހާއަށެވެ. އެއީ ސޮމްކިޑް ކަމަށް އޭނާއަށް ޝައްކުވާން ފެށީ، ސޮމްކިޑް ހޯދަން ބޭނުންވެގެން ކަމާބެހޭ ފަރާތްތަކުން ބޭނުންކުރަމުންދިޔަ 'މޯސްޓް ވޯންޓަޑް' ތަސްވީރުގައި އިން މީހާގެ ނިއްކުރި މަތީގައި ހުރި ފަދަ ލަކުނެއް، އެމީހުންގެ ކުރިމަތީ ގޮނޑީގައި އިން މީހާގެ ނިއްކުރި މަތީގައިވެސް ހުރިތަން ފާހަގަވި ހިސާބުންނެވެ.

އިށީނދެ ތިބެވުނު ގޮނޑިތައް އެހާ އަރާމު ނޫން ކަމަށް ބުނެ ލޯބިވެރިޔާއާއިއެކު ޒުވާން އަންހެން ކުއްޖާ އެހެން ސީޓަކަށް ބަދަލުވިއެވެ. އަދި ބަދަލުވުމަށްފަހު އެއީ ކީއްވެކަން ފިރިހެން މީހާ ގާތު ބުނުމުން އެ މީހުން ކުރިން ތިބި ގޮނޑިބަރިއަށް އެ ފިރިހެން މީހާ ގޮސް، ސޮމްކިޑްގެ ފޮޓޯއެއް ނެގިއެވެ. އަދި ފުލުހުންނަށް އެފޮޓޯ ފޮނުވިއެވެ.

ގާތްގަނޑަކަށް 2 ގަޑިއިރުގެ ރޭލު ދަތުރަކަށްފަހު ސްޓޭޝަނަށް ރޭލު ހުއްޓުމާއެކު ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ރޭލަށް އަރާ ސޮމްކިޑް ހައްޔަރުކުރިއެވެ.

ސޮމްކިޑް ހޯދަން ބޭނުންވެގެން ފުލުހުން ކުރި އިއުލާންގައި، އޭނާއަކީ އިންތިހާއަށް ނުރައްކާތެރި މީހެއް ކަމަށް ސިފަކޮށްފައިވެއެވެ. އޭނާގެ އެންމެ ފަހު ޝިކާރައަކަށްވި 51 އަހަރުގެ އަންހެން މީހާގެ އިތުރުބާރު އޭނާ ހޯދީ، ފޭސްބުކް މެދުވެރިކޮށް ދިމާވި ގާނޫނީ ވަކީލެއްގެ ގޮތަށް ހެދިގެން ކަމަށާ، ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު، އެ އަންހެން މިހާގެ ގެއަށް ސޮމްކިޑްގެ ދިރިއުޅުން ބަދަލު ކުރި ކަމަށް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކިޔައިދީފައެވެ. އޭގެ 2 ހަފުތާ ފަހުން ދެން ފެނުނީ އަންހެން މީހާ މަރުވެފައި އޮއްވައެވެ.

މީގެ ކުރިން ސޮމްކިޑް މަރާލި 5 މީހުންނަކީވެސް އަންހެނުންނެވެ. 2005 ވަނަހަރުގެ މި އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެފައިވަނީ ނައިޓްކްލަބުތަކުގައި ލަވަކިއަން އުޅުނު އަންހެނުންނާ، ހޮޓާތަކުގައި މަސާޖުކޮށްދޭން އުޅުނު އަންހެން ކުދިންނެވެ.

މި އަމަލުތަކާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ސޮމްކިޑްގެ މައްޗަށް އިއްވީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ޖަލު ބަންދުން އޭނާ މިނިވަންކޮށްފައި ހުރީ، ރަނގަޅު އަހުލާގީ ސުލޫކުގެ ސަބަބުން ޕެރޯލްގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.