ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ޖަލަށް ގެންދިޔަ ގައިދީއަކު، އޭނާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން، ޖަލަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

ކަރެކްޝަންސްގެ މިޑީއާ އޮފިޝަލް ވިދާޅުވީ ގައިދީ މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރީ ޝަރީއަތަށް މާލެ ގެނެއުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔަ އިރު ކަމަށެވެ. އަދި މަސްތުވާތެކެތި ޖަލަަށް އެތެރެ ކުރަން އޭނާ މަސައްކަތް ކުރީ ފުރަގަަސްފަރާތަށްލައި ފޮރުވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަށިގަނޑު ތެރޭ ރައްކާ ކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ގައިދީއަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ ގައިން މަސްތުވާތަކެތި ފެނުނީ، މިދިޔަ އާދިއްތަ ދުވަހު ޝަރީއަތުގެ އަޑުއެހުމަށްކަށް ކޯޓަށް ގެންދިޔުމަށް ފަހު އޭނާ އަނބުރާ ޖަލަށް ވެއްދުމުގެ ކުރިން އޮފިސަރުން އެ ގައިދީ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ޝަރީއަތްތަކަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދާއިރު، އަބަދުވެސް އޮފިސަރުން ހަރަކާތްތެރިވާ ނަމަވެސް އެ ގައިދީއަށް މަސްތުވާތަކެތި ލިބުނީ ކިހިނެއް ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެއެވެ.

އޭނާ ޖަލަށް އެތެރެ ކުރަން އުޅުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލަށް ވެއްދުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ މައްސަލަތައް ފެންމަތިވުން ވަނީ އާންމު ވެފައެވެ. ޝަރީއަތަށް ގެންދިޔަ ގައިދީއަކު މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރި ކަން ހާމަވި މިއީ ފުރަތަމަ ފަހަރެވެ.