މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އިއްވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ ފަރާތުން އެމައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާއިރު، އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ، ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުން ދަނީ ބޭއިންސާފުން ކަމަށް ބުނެ، އެކަން ބައިނަލް އަގްވާމީ އިސް ފަރާތްތަކާއިވެސް ބައްދަލުކޮށް އެކަން ހިއްސާކޮށްފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިކަމާއި ގުޅޭގޮތުން ރާއްޖެ ތަމްސީލް ކުރާ ކޮލޮމްބޯގެ ހުރިހާ މިޝަންއަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރަށް ބައިނަލްއަގްވާމީ އެކި ފަރާތްތަކަށްވެސް މައުލޫމަތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުއަޅާނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އަންނަނީ ޕެޓިޝަނެއްވެސް ތައްޔާރު ކުރަމުންނެވެ. އަދި މި ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާތަކަށްވެސް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާކޮށްފައެވެ.