އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭ މިންވަރަށް ހައްދުފަހަނާޅާފައިވާ 1،400 އެއްހާ ދިވެހިން އެބަތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ވިދާޅުވުމާމެދު މުޅި ގައުމު ސަމާލު ވާން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200 އަށްވުރެ ގިނަ ކައުންސިލަރުންނާ އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ހަރުކަށި ފިކުރުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ފުލުހުންނަށް މިހާތަނަށް އެއް ކުރެވިފައިވާ ތަފާސް ހިސާބުތަކުން އެނގިފައިވާ ކަމަށެވެ.

ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށާއި އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް ރާއްޖޭގައި އުޅެމުން ދާ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރަށް ވައްދާފައި ތިބި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސް ނުޖެހޭ ވަރަށް ފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި 1400 އާ ގާތްކުރާ އަދަދަކަށް ދިވެހިން މިއަދު އަޅުގަނޑުމެންނާ އެކު އެބަ ތިބި،"
ސީޕީ

މީގެ އިތުރުން އޭނާ ވިދާޅުވީ އަފްގާނިސްތާނާއި ޕާކިންސާންގައި ހިނގި ހަމަނުޖެހުމާއި ހަރުކަށި އަމަލުތަކުގެ ތެރޭގައިވެސް އެތައް 100 ދިވެހިން ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް އެ ފިކުރު ފެތުރުމުގެ މަސައްކަތްތަކެއް ކުރާ ކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށެެެވެ.

"އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނައަޅާ ފައިވާ އައިއެސްގެ ގޮފިތައް ދުނިޔޭގެ އެކި ގައުމުތަކުގައި އުފެއްދުމަށް އެ ޖަމާއަތުން މަސައްކަތް ކުރާއިރު ރާއްޖޭގައި ވެސް އެފަދަ ގޮފިތައް އުފެއްދުމަށް ޝައުގުވެރިވާ ދިވެހިން އެބަ ތިބި، އެގޮތުން ދިވެހިންގެ ތެރެއިން ބަޔަކު އަފްގާނިސްތާނުގެ ހުރާސަން ޕްރޮވިންސްގައި އުފައްދަން އުޅުނު އައިސްގެ ގޮތްޕާ ބައިވެރިވުމަކީ އޭގެ ހެއްކެއް، ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވެފައިވަނީ ދީނީ ގޮތުން އެ ފަތުރާ ހަރުކަށި ފިކުރުގައި ރާއްޖެ އޮތް ހާލަތާއި އޭގައި ބައިވެރިވުން އޮތް އަދަދުތައް ވެސް ކަމާބެހޭ ފަރާތްތަކަށް އެނގޭ އިރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ.