ސޫރިޔާގެ ހަނގުރާމަ އެންމެ ގަދަވެގެންދިޔަ ދުވަސްވަރު އާންމު ފަރުދުންގެ ދިފާއުގައި 'ވައިޓް ހެލްމެޓްސް'ގެ ނަމުގައި ހާއްސަ ވޮލަންޓިއަރުންގެ ޖަމާއަތެއް އޮޕަރޭޓްކުރި އިނގިރޭސި އަސްކަރިއްޔާގެ ކުރީގެ އޮފިސަރު ޖޭމްސް ލީ މެޒުރިއޭ މަރުވީ، އިމާރަތުން ވެއްޓުމުން ހަށިގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށް، ތުރުކީވިލާތުގެ ފޮރެންސިކް ޓީމުން ހާމަކޮށްފިއެވެ.

ޖޭމްސް ލީ މެޒުރިއޭ މަރުވެފައި އޮއްވާ ފެނުނީ، ތުރުކީވިލާތުގެ އިސްތަންބޫލްގައި އޭނާ ދިރިއުޅެމުންދިޔަ ފްލެޓްގެ ކުޑަދޮރާ ދިމާ ތިރިން، މަގުމަތީގައި އޮއްވާ، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ސޫރިޔާ ވައިޓް ހެލްމެޓްސްގެ ބާނީ ޖޭމްސް ލީ މެޒުރިއޭ ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދު ކޯޑަންކުރަނީ/ފޮޓޯ: ފްރާންސް24

ޕޯސްޓް-މޯޓަމް ރިޕޯޓްއާއި ހަވާލާދީ ތުރުކީވިލާތުގެ ދައުލަތުގެ މީޑިއާއިން ބުނީ އޭނާ މަރުވެފައިވަނީ އުސްތަނަކުން ވެއްޓިޖެހުމުގެ ސަބަބުން ހަށިގަނޑަށް ލިބުނު އަނިޔާގައި ކަމަށެވެ. އަދި އިތުރު އެހެން މީހެއްގެ ޑީއެންއޭއެއް ފެނިފައި ނުވާކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން 48 އަހަރުގެ ޖޭމްސް ލީ މެޒުރިއޭގެ ހަށިގަނޑަށް ވިހައެއްގެ އަސަރުކޮށްފައިވޭތޯ ހެދި ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، އޭނާ ނިދާ ބޭސް ބޭނުންކޮށްފައިވާކަމަށް ދައްކާފައިވާކަމަށް ތުރުކީވިލާޓުގެ ޕްރައިވެޓް ޓީވީ ޗެނަލަކުން ވަނީ ހާމަކޮށްފައެވެ.

ސޫރިޔާ ވައިޓް ހެލްމެޓްސްގެ މެމްބަރަކު، ހަނގުރާމާގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ތެރެއިން ކުޑަކުއްޖަކު ސަލާމަތްކުރަނީ/ފޮޓޯ: ދަ ޑެއިލީ ބީސްޓް

މަރުވިއިރު ޖޭމްސް ލީ މެޒުރިއޭ ކައިވެނިކޮށްގެން އުޅުނު ސްވީޑްންގެ އެމާ ވިންބާގްއާއި ހަވާލާދީ، ތުރުކީވިލާތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޭމްސް ލީ މެޒުރިއޭ ދިޔައީ އަމިއްލަ މަރުވުމުގެ ފިކުރާ ހަނގުރާމަ ކުރަމުންނެވެ. އަދި ނިދާ ބޭހަކީ އޭނާއަށް ކުރިމަތިވެފައިވާ ސްޓްރެސް ކުޑަކުރުމަށް އޭނާ ބޭނުންކުރަމުންދިޔަ ބޭހެއް ކަމަށްވެސް އަންހެނުން ބުނި ކަމަށް ޚަބަރުތައް ބުނެއެވެ.

ޖޭމްސް ލީ މެޒުރިއޭގެ އެންމެ ފަހު ދުވަހުގެ ވާހަކަތައް ކިޔައިދެމުން އެމާ ބުނެފައިވަނީ އޭނާގެ ފިރިމީހާ އެންމެ ފަހުން ނިދާ ބޭސް ބޭނުންކޮށްފައިވަނީ އެރޭ މެންދަމު އަލުވެ 02:00 ޖެހިއިރު ކަމަށެވެ. އެމާއަށް ނިދަން ދެވުނީ އޭގެ ދެގަޑިއިރެއްހާއިރު ފަހުން ކަމަށާ އެ ވަގުތު އޭނާގެ ފިރިމީހާ ހޭލުމަށްފަހު ނިދާ ބޭސް ގުޅައެއް ބޭނުންތޯ އަނބިމީހާ ކުރެ ސުވާލު ކުރިކަމަށްވެއެވެ. އެމާ ބުނި ގޮތުގައި އޭނާއަށް ދެން ހޭލެވުނީ ފަތިހު 05:30 އާއި 06:00 އާއި ދެމެދު ވަގުތެއްގައި، އެމީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގެ ދޮރުގައި ފުލުހުން ޓަކިދިނުމުންނެވެ. އަދި ފިރިމީހާގެ ހަށިގަނޑު ފެނުނީ އެއަށްފަހުގައި ކަމަށްވެސް އެމާ ވަނީ ބުނެފައެވެ.

ސޫރިޔާ ވައިޓް ހެލްމެޓްސްއިން ސޫރިޔާގެ ކުޑަކުދިންތަކެއް ސަލާމަތް ކުރުމުގެ މަސައްކަތުގައި/ފޮޓޯ: އާވްސާތް

ވައިޓް ހެލްމެޓްސް ނުވަތަ ސީރިއާ ސިވިލް ޑިފެންސް އަކީ އެގައުމުގައި ކުރަމުންދިޔަ ވަރުގަދަ ހަނގުރާމައިގެ އެކި ހިސާބުތަކުގައި ތާށިވެފައި ތިބޭ އާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގައި ހިލޭ ސާބަހަށް ހަރަކާތްތެރިވަމުންދިޔަ ޖަމާއަތެކެވެ. މި ޖަމާއަތީ އިންސާނީ ހައްގުތަކުގެ ރޮނގުން ދޭ ގިނަ ޝަރަފުތަކެއްވެސް ހާސިލުކޮށްފައިވާ ޖަމާއަތަކަށްވާއިރު، 2016 ވަނަ އަހަރުގެ ތެރޭގައި ނޮބެލް ސުލްހައިގެ އިނާމަށްވެސް ވައިޓް ހެލްމެޓްސް ވަނީ ނޮމިނޭޓްވެފައެވެ.

ކަންމިހެން އޮތްއިރު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ، އަސަދަށް އެއްބާރުލުންދޭ އީރާނާ ރަޝިޔާއިން ބުނާ ގޮތުގައި ވައިޓް ހެލްމެޓްސްއަކީ ޓެރަރިސްޓް ޖަމާއަތެކެވެ. ނަމަވެސް އެޖަމާއަތުން އެ ދައުވާއަށް އިންކާރުކުރެއެވެ.

ޖޭމްސް ލީ މެޒުރިއޭ މަރުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، ރަޝިޔާއިންވަނީ އޭނާއަކީ އިނގިރޭސިވިލާތުގެ ޖާސޫސީ ޔުނިޓް އެމްއައިސިކްސްގެ ސިއްރު އޭޖެންޓެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެއީ އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެންވާ ތުހުމަތުތަކެއް ނޫންކަމަށް، އިނގިރޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވަނީ ވިދާޅުވެފައެވެ.