2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1945 ވަނަ އަހަރު ޖަޕާނުގެ ހީރޯޝީމާ ސިޓީއަށް އެމެރިކާއިން އެޓޮމިކް ބޮމުގެ ވަރުގަދަ ހަމަލާތަކުގައި ނުވެއްޓި ހުރި އިމާރާތްތައް ބިމާ ހަމަކޮށްލުމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ބޮން އެޅީއްސުރެ އަދާ ޖެހެންދެކަށްވެސް ނުވެއްޓި ހުރީ 2 ބްލޮކެކެވެ. މި އިމާރާތްތައް ބިނާކޮށްފައިވަނީ މީލާދީން 1913ވަނަ އަހަރާ ހިސާބުގައެވެ. އެންމެ ފުރަތަމަ މި ތަން ބޭނުން ކުރަމުންދިޔައީ އަސްކަރިއްޔާއަށް އަންނައުނު އުފައްދާ ކާރުހާނާއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޔުނިވާސިޓީގައި ކިޔަވާކުދިންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައިވެސް މިތަން ބޭނުން ކުރުމަށްފަހު، ބޮމުގެ ހަމަލާއާއި ގުޅިގެން ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައިވެސް މި ސަރަހައްދު ބޭނުން ކުރެވުނު ކަމަށް ޚަބަރު ލިބެއެވެ.

ހީރޯޝީމާގައި ހުރި އިމާރާތެއް (ކ) އެއީ ބިންހެލުންތަކަށް ރައްކާތެރި އިމާރާތެއް ނޫންކަމަށް އިންޒާރުގެ ނޯޓިސް ޖަހާފައި/ފޮޓޯ: ގޫގްލް ސްޓްރީޓް ވިއު

މިހާރު މިތަންތަނަކީ އާންމު ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ތަންތަނެވެ. ނަމަވެސް މިއިން އެއްވެސް އިމާރާތެއްގެ ބޭނުމެއް މިހާރު ނުކުރެއެވެ. އަދި މިއީ ވަރުގަދަ ބިންހެލުންތަކަށް އެކަށީގެން ނުވާ ގޮތަކަށް ހުރި އިމާރާތްތަކެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ. މި އިމާރާތްތައް ތަޅާލަނީވެސް އެހެންވެ ކަމަށް ޚަބަރު ލިބެއެވެ.

ނަމަވެސް ޖަޕާނުގެ ބައެއް މީހުންދަނީ، އާސާރެއްގެ ގޮތުގައި މި ތަންތަން ރައްކާތެރިކޮށް، ތަރިކައެއްގެ ގޮތުގައި ހިމާޔަތް ކުރުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި، އެޓޮމިކް ބޮމުގެ ވަރުގަދަ ހަމަލާ އަމާޒުވިއިރު މި އިމާރާތްތަކުގެ ތެރޭގައި ތިބި، މިހާރު ދޮށީ އުމުރުގެ ދުވަސްތައް ގުނަމުންދާ އިސް ރަށްވެހިން ހިމެނެއެވެ.

1945 ވަނަ އަހަރުގެ މެއި މަހު، އެމެރިކާއިން ހީރޯޝީމާއަށް އެޓޮމިކް ބޮން އެޅި ފަހަރަކީ، ދުނިޔޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެޓޮމިކް ހަތިޔާރުގެ ބާރުގެ ބޭނުން ކުރި ފަހަރެވެ.