ދޮގު ހަބަރާ ދެކޮޅަށް ޓްވީޓް ކޮށްކޮށް 2 ކިލޯ ހިކިއްޖެ ކަމަށް ޗައިނާގެ ސަފީރު ޒިއާންގް ލިޒޯންގް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާލުވެފައި ވަނީ މަޖާޒީ ގޮތެއްގައި ކަމަށް ބެލެވެއެވެ.

ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެ ކިލޯ ހިއްކާލެވުމުން މީހުންގެ ތައުރީފު ލިބިވަޑައިގަންވަމުން ދާ ކަމަށެވެ. އަދި ދެ ކިލޯ ހިއްކާލެއްވީ ކޮން ރެސިޕީއެއް ބޭނުން ކުރައްވައިގެންތޯ މީހުން އަހަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ، އޭނާއަށް ގަބޫލު ކުރެއްވޭ ގޮތުގައި ދެ ކިލޯ ހިއްކާލެއްވުނީ ދޮގު ހަބަރުތަކާ ދެކޮޅަށް ޓްވީޓް ކުރައްވާ ކުރައްވައެވެ.

ސަފީރު ވިދާޅުވީ، ދޮގު ހަބަރާ ދެކޮޅަށް ހަނގުރާމަކޮށް މޮޅުވެވޭނީ "ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ" ބެހޭ މައުލޫމާތު އާންމުންނަށް ހިއްސާ ކުރި ވަރަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސަފީރު މިފަދައިން ޓްވީޓް ކުރައްވާފައި ވަނީ ބަރުދަން ބަލާ ކައްޓާއެއްގެ ފޮޓޯއަކާ ވެސް އެކުގައެވެ. އެ ކައްޓާއިން ދައްކާ ގޮތުގައި އޭނާގެ ބަރުދަނަކީ 82 ކިލޯއެވެ.

ޗައިނާ ސަފީރު މިފަދައިން ވިދާޅުވެފައި ވާއިރު، އޭނާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދު ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލުވަމުން ދެއެވެ. އެގޮތުން، ދާދި ފަހުން ރައީސް ނަޝީދު އިންޑިއާގެ ބައެއް މީޑިއާއަށް ދެއްވި އިންޓަވިއުތަކަކާ ގުޅިގެން އެކަމާ ހިތް ހަމަޖެހިވަޑައިނުގެން ކުރައްވަމުން ގެންދެވި ޓްވީޓްތަކެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު އަދި ފޮރިން މިނިސްޓަރު އަބދުﷲ ޝާހިދުގެ ރަސްމީ ޓްވިޓާ ހޭންޑްލް ޓެގް ކުރައްވަމުން ސަފީރު ޒިއާންގެ ވަނީ ދިވެހި ސިޔާސީ ބޭފުޅަކު އަނެއްކާވެސް ޗައިނާއާ ބެހޭ ގޮތުން އެއްވެސް އަސާސެއް ނެތް، ހައްސާސީ ވާހަކަތަކެއް ދައްކަވާފައިވާކަމަށް ވިދާޅުވެފައެވެ.

މިމޭރުމުން ކުރެއްވި ޓްވީޓްތަކުގައި ޗައިނާގެ ދަރަނީގެ 'ދަންތުރާގައި' ދިވެހިރާއްޖެ ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޗައިނާއަކީ ކުރިއަރާ ދިއުމަށް އެހީވެދޭ ގައުމެއް ކަމަށާ، އެއްވެސް ހާލެއްގައި 'ދަންތުރަ' ތަކެއް ޖަހާ ގައުމެއް ނޫންކަމަށާއި ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ގިނަ މީހުން އެއްބާރުލުން ދޭ ގައުމުކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވަމުން ސަފީރު ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަކީ ދޭދޭ ގައުމުތަކުގެ ގުޅުންތަކާ ގުޅުންހުރި ކަންކަމުގައި މިހާރަށްވުރެ ޒިންމާދަރު ފިކުރެއް ގެންގުޅުއްވާ ބޭފުޅުންނަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ ބޭފުޅުންގެ ފިކުރަކީ ވަކި ގައުމަކަށް ނުބަލާ، ސީދާ ކަމަށް ބަލާ ފިކުރަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާއި ދެމެދު ގާއިމުވެފައިވާ މުހިންމު ގުޅުން ދުޅަހެޔޮކަންމަތީ ރަނގަޅުމަގުން ކުރިއަށް ދިއުމަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފިކުރު ބައްޓަންވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.