ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ އާއި ތިލަފުށްޓާ ދެމެދު ބުރިޖް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބުރިޖާ ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ބުރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި ސަރުކާރުން، އަމަލީ މަސައްކަތް ފަށައިގަންނާނީ، ބުރިޖް އެޅުމަށް ރާވަން ޖެހޭ އެންމެހާ ކަންކަން ރާވާ ނިންމުމަށް ފަހު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
ބުރިޖުގެ މަސައްކަތް އަންނަ އަހަރު އަމަލީ ގޮތުން ފެށުމަށް ބޭނުންވާ ޑިޒައިން މަސައްކަތާއި ޓެންޑާ ކުރުމަށް ބޭނުންވާ ކަންތަކަށް މިހާރު ދަނީ ތައްޔާރު ވަމުން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އަދި ޑިޒައިން އަދި ޓެންޑަރިން މަރުހަލާގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި މިހާރު އެ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިހާރު ވަކި ގޮތެއް ނުނިންމި، މަޝްވަރާ ކުރަމުންދާ ކަންކަމުގެ ތެރޭގައި ބުރިޖުގެ ލޭންތަކުގެ ފުޅާމިނާއި ވިލިނގިއްޔާ ހަމައިން ޓްރެފިކް ހުއްޓޭނީ ކިހިނެއްތޯ އާއި ވިލިނގިލީގައި ސައިކަލު ޕާކު ކުރާނެ ސަރަހައްދެއް އެޅުމާއި ގުޅިފަޅު ސްޓްރެޗްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ހިމެނެއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، މަޝްވަރާތަކަށްފަހު ފައިނަލް ކުރެވުނު ކަންކަމުގެ ތެރޭގައި މިއީ ކޮލަމް ޖަހައިގެން އަޅާ ބުރިޖަކަށް ވާނެ ކަމަށެވެ. އަދި މާލޭން ފެށިގެން ގޮސް ވިލިނގިއްޔަށް ގުޅުވާލާނެ އެލައިންމަންޓާއި ވިލިނގިލިން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް ގުޅުވާލާ އެލައިންމަންޓް ގާތްގަނޑަކަށް އޮތީ ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ވިލިނގިލީގައި އިންޖީނު ލީ އުޅަނދު ނުދުއްވޭ ތަނެއްގެ ގޮތުގައި މިހާރު އޮންނަ އޮތުމަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.
ބުރިޖް މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.