އިރުގެ އަވިން ލިއްބައިދޭ ހަކަތަ، ދިގުމުއްދަތަކަށް ރައްކާކޮށްފައި ބެހެއްޓުމަށް އެހީވެދޭ ދިޔާ މާއްދާއެއް އުފައްދައިފިއެވެ.
ސްވީޑްންގެ ސައިންސްވެރިން އުފެއްދި މިމާއްދާއަކީ އިރުގެ އަވިން ލިއްބައިދޭ ހަކަތަ އޭގެ ތެރެއަށް ދަމައިގަތުމަށް ފަހު، 18 ވަރަކަށް އަހަރު ވަންދެން ރައްކާ ކޮށްފައި ބެހެއްޓޭ ގޮތަށް ފަރުމާ ކޮށްފައިވާ މާއްދާއެކެވެ.
ކަމާބެހޭ ތަޖުރިބާ ލިބިފައިވާ އިންޖިނިއަރެއް ކަމަށްވާ ޖޮފްރީ ގްރޮސްމަން ކިޔައިދިން ތާމަލް ފިއުލް ނުވަތަ އިރުގެ އަވިން ލިއްބައިދޭ ހަކަތަ ރައްކާކޮށްދޭ ދިޔާ މާއްދާ މަސައްކަތްކުރާނީ ރީޗާޗުކުރެވޭ ބެޓެރީއެއްގެ ސިފާގައެވެ. ތަފާތަކީ ކަރަންޓްގެ ބަދަލުގައި މީގެ ތެރެއަށް ވަދެގެންދާނީ އިރުގެ އަވި ކަމަށާ، 'ޓްރިގާ' ކުރުމުން މީގެ ތެރެއިން ހަކަތައިގެ ގޮތުގައި ހޫނު ނިކުމެގެންދާނެ ކަމަށެވެ.
ސްވީޑްންގެ ކާމާޒް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ސައިންސްވެރިން އުފެއްދި މިމާއްދާއަކީ ދިޔާ ސިފައެއްގައި އޮތް މޮލެކިއުލްއެއް ކަމަށް ބުނެވެއެވެ. މި މޮލެކިއުލް އުފައްދާފައިވަނީ ކާބަން، ހައިޑްރޯޖަން އަދި ނައިޓްރޯޖަން ގޭސް ބޭނުންކޮށްކަމަށް ބުނާއިރު، އިރުގެ އަވި މީގައި ޖެހުމުން އާދަޔާ ހިލާފު ގޮތްތަކެއް ވާކަމަށް ބުނެވެއެވެ. އެގޮތުން މޮލެކިއުލް ތެރޭގައި ހުރި އެޓޮމްތައް އޭގެ އަމިއްލަ ޒާތުގައި ތަފާތު ގޮތަކަށް އެތުރި، 'އައިޒޯމާ' ނަމަކަށް ކިއާ ހަކަތައެއްގެ ގޮތުގައި ބޭނުންކުރުމަށް ފުރުސަތު ހުޅުވޭކަމަށްވެއެވެ.
އިރުގެ އަވި ނުލިބޭ ހިސާބަކަށް މި ގެންދިއުމުންވެސް މޮލެކިއުލް ތެރޭގައި ހޫނު ހިފަހައްޓާކަމަށް މައުލޫމާތު ލިބެއެވެ.
ކާމާޒް ޔުނިވާސިޓީއިންވަނީ މި މާއްދާގެ އެހީގައި އިރުގެ އަވިން ލިބޭ ހަކަތައް ރައްކާ ކުރުމުގެ މަޝްރޫއެއް އެ ޔުނިވާސިޓީގެ ފުރާޅު މަތީގައި ފަށާފައެވެ. އަދި މިކަމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ. ސައިންސްވެރިންގެ އަމާޒަކީ ގޭތެރެގެ އެކި ކަންކަމަށް ހޫނުކުރަން ބޭނުންކުރަންޖެހޭ ހަކަތަ މި މާއްދާގެ ޒަރިއްޔާއިން ހޯދޭނެ ގޮތް ފަހިކުރުމެވެ.
މިހާރު މި މާއްދާގެ ކޮންމެ ކިލޯގްރާމަކަށް 250 ވޮޓް-ގަޑިރިއިރުގެ ހަކަތަ ރައްކާކުރެވެއެވެ. އެއީ އިޔާދަކުރަނިވި ހަކަތަ އުފެދުމުގައި ދުނިޔޭގެ 1 ނަމްބަރު ކުންފުނީގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ޓެސްލާ ކުންފުނީގެ ޕަވާވޯލް ބެޓެރީއަށްވުރެ ދެގުނަ ބާރު ހަކަތައިގެ މިންވަރެކެވެ.
ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ހިނގައްޖެނަމަ އާންމު ވިޔަފާރީގެ ބޭނުމަށް މި ޓެކްނޮލޮޖީ ތައާރަފުވެގެން އަންނާނީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ.