ސޫރިޔާގެ ހަމަނުޖެހުންތަކަށް 8 އަހަރު ފާއިތުވެގޮސް 9 އަހަރު ފުރުމާ ގާތްވަމުންދާއިރު އެއީ މިހާރު ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ގައުމެއް ކަމަށް ނުބުނެވޭނެ ކަމަށާ، ހަމަމިއާއެކު އެއީ ސުލްހަ ގާއިމުވެފައި އޮތް ގައުމެކޭވެސް ނުބުނެވޭނެކަމަށް މުރާސިލުން ބުނެފިއެވެ.

ވޮޝިންގްޓަން ޑީސީގައި ހުންނަ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ ރެޑްނާ ސްލިމް ވިދާޅުވީ، ސަރަހައްދީ ބާރުތަކުގެ އެއްބާރުލުމާއެކު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ކޮންޓްރޯލް ލިބިފައިވާކަމަށެވެ. ނަމަވެސް އެމެރިކާއާއި ވިލާތުގެ އިއްތިހާދުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ބާރުތަކަށް، ސޫރިޔާގައި ސުލްހަ ގާއިމުކުރުމުގެ ޝައުގުވެރިކަން މިހާރު ގެއްލިފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ޤަތަރުގައި ކުރިއަށްދިޔަ ދޯހާ ފޯރަމްގެ ޕެނަލެއްގައި ވާހަކަދައްކަވަމުން ސްލިމް ވިދާޅުވީ، ސޫރިޔާގައި މިހާރު އޮތީ ހަނގުރާމައެއް ނޫންކަމަށާ، އަދި އެއީ ސުލްހައެއްވެސް ނޫންކަމަށެވެ.

ސިޔާސީ މުރާސިލު އިބްރާހީމް ކާލިން ވިދާޅުވާ ގޮތުގައި، އަސަދުގެ ވެރިކަން ވައްޓާލުމަށް އެންމެ ބާރުއަޅަމުންދިޔަ ތުރުކީވިލާތުންވެސް މިއަދު އެބައި މީހުންގެ އަމިއްލަ ގައުމުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގެ ސަބަބުތަކެއް ފާހަގަކޮށް، ސޫރިޔާގެ ރެފިއުޖީން އަނބުރާ ސޫރިޔާއަށް ފޮނުވާލަމުންދަނީއެވެ.

ކަންމިހެން އޮތްއިރު، ސޫރިޔާގެ ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ސޫރިޔާގެ ސަރުކާރު އަދިވެސް އޮތީ ފެއިލްވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ.

2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ސުލްހަވެރި މުޒާހަރާތަކެއްގެ ގޮތުގައި ސޫރިޔާގައި ކުރިއަށް ގެންދިޔަ އެއްވުންތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، އޭގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނާ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަދެ ކުރި ވަރުގަދަ ހަނގުރާމާގައި މަރުވި މީހުންގެ އަދަދު، ގާތްގަނޑަކަށް 200000 އަށް އަރައެވެ.