ފަސް އަހަރުގެ ދައުރެއްގައި ވިޔަފާރީގެ އެއްބަސް ވުމޭ ބުނެ ދައުލަތް މިންޖު ނުވާ ވަރުގެ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މީހުންނަށް ލިބޭ ފަސް އަހަރުގެ ދައުރެއްގައި ވިޔަފާރީގެ އެއްބަސް ވުމޭ ބުނެ ދައުލަތް މިންޖު ނުވާ ވަރުގެ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.
ރީކޯ މިގޮތަށް ވިދާޅުވެފައި ވަނީ ޗައިނާގެ އެއްބަސްވުންތަކާ ގުޅިގެން އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒިއާންގް ލިޒޯންގް އާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ރީކޯ ވަނީ ޗައިނާ ދިފާއުކުރައްވައި ޓްވީޓްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޗައިނާގެ ފަތުރުވެރިންގެ ފަރާތުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ވަމުންދާ ކަމަށާއި ޗައިނާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށެވެ. ޗައިނާ ފަދަ ގައުމުތަކުގެ ގުޅުމާމެދު ސިޔާސީ ވެރިން ތަޅާ ނުފޮޅައި އިހުތިރާމް ކުރަން ވާނެ ކަމަށްވެސް ރީކޯ ވިދާޅުވިއެވެ.
އިންޑިއާގެ ރުޕީ ކާޑް އެގްރީމަންޓާ ގުޅިގެންވެސް ރީކޯ ވަނީ ޓްވީޓް ކުރައްވާފައެވެ. ރީކޯ ވިދާޅުވީ އިގްތިސޯދް ރަނގަޅު ކުރަން އިންޑިއާގެ ރުޕީ ކާޑް މެދުުވެރިކޮށް އިންޑިއާ ރުޕީސް ރާއްޖޭގައި ބޭނުން ކުރެވޭ ނަމަ، ފަތުރުވެރިން އަންނަ އަދަދާއި ޗައިނާގެ މުދާ ގެންނަ ވަރާ ބަލާއިރު، ޗައިނާގެ ފައިސާއިން ވެސް ރާއްޖޭގައި ޕޭމަންޓް ހެދޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ މީޑިޔާތަކާ ބައްދަލުކުރައްވާ ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމުގެ އިޝާރާތް ކުރައްވާފައެވެ. އެގޮތުން އެ އެއްބަސްވުން މިހާރު އޮތީ "މަރުވެފައި" ކަމަށާއި އެ އެއްބަސްވުން ކުރިއަށް ގެންދަން މިހާރުގެ މަޖިލީހުން ރުހުން ބޭނުންވާ ކަމަށާއި އެ ރުހުން މަޖިލީހުގެ އެއްވެސް މެމްބަރަކު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލޯނުގެ ގޮތުގައި ރާއްޖެ އިން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ޗައިނާ އިން ބުނާ ކަމަށާއި ނަމަވެސް ޗައިނާ އިން ބުނާ އެ އަދަދަކީ ހަމައެކަނި ސަރުކާރަށް ދީފައިވާ ލޯނުތަކުގެ އަދަދު ކަމަށެވެ.
އެގޮތުން ޕްރައިވެޓް ލޯނުތަކާއި ސޮވެރިން ގެރެންޓީ ފަދަ ތަކެތި އެއްކޮށްލުމުން ލޯނުގެ ގޮތުގައި ރާއްޖެ އިން ޗައިނާ ދައްކަންޖެހޭ އަދަދު 3.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަގު 1.5 ބިލިއަނެއްހާ ޑޮލަރަށް އަރާ އިރު، މި ލޯނުތައް ރީސްޓްރަކްޗާ ކޮށްގެން ދައްކާ ހަލާސްކުރުމުގެ އިޝާރާތްތަކެއް ދިވެހި ރާއްޖެއިން ވަނީ ކޮށްފައެވެ.