ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ޖަލުން މިނިވަންވިތާ އެއް އަހަރު ފުރުނު ދުވަހާ ގުޅިގެން އޭނާ ޝުކުރު އަދާކުރެއްވީ އަނބިކަނބަލުންނަށާއި އާއިލާއަށެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާ ދިރުއުޅުއްވި ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އޭނާ މިނިވަންވިތާ އެއް އަހަރު ފުރުމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މި ޓުވީޓުގައި ހާއްސަކޮށް ނާޒިމްގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްދެއްވި އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދާއި، ކޮއްކޮ އާދަމް އާޒިމްގެ ނަން ފާހަގަކުރައްވައިފައި ވެއެވެ. އަދި އޭނާ މިނިވަން ކުރުމަށް އާއިލާއާ އެކު އެހީތެރިވެ، ސިޔާސީ އެކިއެކި ބޭބޭފުޅުން ކުރެއްވި މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވައިފައި ވެއެވެ.

ސިޔާސީ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންގެ މަސައްކަތް ނާޒިމް ފާހަގަ ކުރައްވާފައި ވެއެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދު ކޮށްފައެވެ. ސްޕްރީމް ކޯޓުން މި ހުކުމް ބާތިލު ކޮށްފައިވަނީ، 13 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ.